ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްކޯ މެމްބަރު އަހުމަދު އައްބާސް (އައްބު) ހަމަޖައްސައިފިއެވެ.
އައްބު މިހާރު މަސައްކަތްކުރަމުން ދަނީ އެފްއޭއެމްގެ އެކްސްކޯ މެމްބަރެއްގެ ގޮތުގައެވެ. މިކަމާ ގުޅިގެން ދިވެހި ފުޓްބޯޅައިގެ އިސްވެރިންގެ ތެރޭގައި މަސްލަހަތު ފުށުއެރުމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
މިއީ އެފްއޭއެމްގެ އެކްސްކޯ މެންބަރަކު ގައުމީ ޓީމުގެ މެނޭޖަރުކަމަށް ހަމަޖެއްސި ފުރަތަމަ ފަހަރެއް ނޫނެވެ. ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިދާރާގެ ދަށުން ވެސް އަބްދުﷲ ޝިބާއު ވަނީ ގައުމީ ޓީމުގެ މެނޭޖަރުކަމާއި އެކްސްކޯ މެންބަރުކަން އެއްފަހަރާ އަދާކޮށްފައެވެ. އެ ދުވަސްވަރު ޝިބާއު އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ކްލަބް ލައިސަންސިންގެ ހެޑްގެ މަގާމު ވެސް އަދާކުރިއެވެ.
ގައުމީ ފުޓްބޯޅަ ޓީމު އަންނަނީ ސައުތު އޭޝިއަން ސުޕަ ކަޕްގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗަށް ތައްޔާރުވަމުންނެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައެވެ.
ފުރަތަމަ މެޗު މި އަންނަ ހޮނިހިރު ދުވަހު ކުޅޭއިރު، ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. ގައުމީ ޓީމުގެ ކޯޗު ގޮތުގައި މަސައްކަތްކުރަނީ ތަޖުރިބާކާރު ހެޑް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.


ކިޔުންތެރިންގެ ހިޔާލު