95 މިލިއަން ޕައުންޑަށް ފްރޭންކްފާޓުގެ ފޯވާޑް ހިއުގޯ އެކިޓިކޭ ގަންނަން ލިވަޕޫލުން އެއްބަސްވެއްޖެއެވެ.
ލިވަޕޫލުން އެކިޓިކޭ ގަތުމުގެ މަސައްކަތް ފެށީ އެ ކްލަބުން ފުރަތަމަ ޓާގެޓު ކުރި ކުޅުންތެރިޔާ ކަމުގައިވާ އަލެކްސަންޑާ އިސަކް ވިއްކަން ނިއުކާސަލްއިން ދެކޮޅު ހެދުމުންނެވެ.
ލިވަޕޫލުން ފުރަތަމަ ހުށައެޅި ބިޑު ފްރޭންކްފާޓުން ބަލައި ނުގަތް ނަމަވެސް ޖުމްލަ 95 މިލިއަން ޕައުންޑުގެ ދެވަނަ ބިޑު އެ ކްލަބުން ވަނީ ގަބޫލުކޮށްފައެވެ. އެކިޓިކޭ ލިވަޕޫލަށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ 2031 ވަނަ އަހަރަށް ހަމަވާ, 6 އަހަރުގެ ދިގު ކޮންޓްރެކްޓެއްގައެވެ.
ފްރާންސްއަށް ނިސްބަތްވާ 23 އަހަރުގެ އެކިޓިކޭ ވަނީ މި ދިޔަ ސީޒަނުގައި ބުންޑަސްލީގާގައި ތަފާތު ކުޅުމެއް ދައްކާފައެވެ. އެކިޓިކޭ ވަނީ ފްރޭންކްފާޓަށް 48 މެޗު ކުޅެދީ, 22 ލަނޑު ކާމިޔާބު ކޮށް 12 އެސިސްޓު ފޯރުކޮށްދީފައެވެ.
އެކިޓިކޭއަކީ މި ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ލިވަޕޫލުން ސޮއިކުރި ހަތަރުވަނަ ކުޅުންތެރިޔާއެވެ. އެކިޓިކޭގެ އިތުރުން ލިވަޕޫލު ވަނީ ފްލޯރިއަން ވާޓްޒް, ޖެރެމީ ފްރިމްޕޮންގް އަދި މީލޯސް ކާކޭޒް ސޮއިކޮށްފައެވެ. ލިވަޕޫލުން ވަނީ މި ހުރިހާ ކުޅުންތެރިންނަށް 250 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހޭދަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު