ބާސެލޯނާގެ ޝަރަފުވެރި 10 ނަންބަރު ޖާޒީ، އަންނަ ސީޒަނުން ފެށިގެން ބޭނުންކުރާނީ ޒުވާން ތަރި، ލެމީން ޔަމާލް ކަމަށް އެ ކްލަބުން ނިންމައިފިއެވެ.
އުމުރުން 18 އަހަރުގެ ޔަމާލަކީ މިވަގުތު އެޓީމުގައި ހުރި އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އެންމެފަހުން ބޭއްވި ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ޔަމާލަށް މިދިޔަ ސީޒަނަކީ ބާސާއާއެކުވެސް ކާމިޔާބު ސީޒަނެކެވެ.

ޔަމާލް މިދިޔަ ސީޒަނުގައި މޮޅަށް ކުޅެފައިވާ އިރު، 18 ގޯލު ޖަހައި 25 އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ. ޔަމާލާއެކު ބާސާއިން ވަނީ މިދިޔަ ސީޒަނުގައި ޑޮމެސްޓިކް ތިން ތަށި ހޯދައިފައެވެ. އެއީ ލީގާއި ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕެކެވެ. އޭގެ އިތުރުން އެޓީމުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމައަށްވެސް ދަތުރުކުރިއެވެ.
މިދިޔަ ސީޒަނުގައި ޔަމާލް ބޭނުންކުރި ނަންބަރަކީ 19 އެވެ. އޭނާ މިދިޔަ ސީޒަނުގައި މޮޅަށް ކުޅުމާއެކު، ބާސާއިން 2031 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އާކޮށްފައިވެއެވެ.
ބާސާގެ 10 ނަންބަރު ޖާޒީގައި އެންމެ ގަދަޔަށް ވިދާލި ކުޅުންތެރިޔަކީ އެޓީމަށް ރެކޯޑު 672 ގޯލު ޖަހައިދީފައިވާ، ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ލިއޮނަލް މެސީއެވެ. އޭގެ ކުރިން ޑިއޭގޯ މަރަޑޯނާއާއި ރޮނާލްޑީނިއޯވެސް ބާސާގެ 10 ނަންބަރު ޖާޒީގައި ކުޅެފައިވާ އިރު، މެސީގެ ފަހުން ދެން އެ ނަންބަރު ބޭނުންކުރާ ފުރަތަމަ ކުޅުންތެރިޔަކަށް ވާނީ ޔަމާލެކެވެ.
މެސީ ބާސާއާއެކު 34 ތަށި ހޯދުމަށްފަހު، ފައިސާގެ މައްސަލަތަކާ ހެދި ކްލަބު ދޫކޮށްލީ 2020-21 ވަނަ އަހަރުއެވެ.
ޔަމާލަށް ޖާޒީ ނަންބަރު 10 ހާއްސަ ކުރާން ބޭއްވި ރަސްމިއްޔާތުގައި އޭނާ ބުނީ މެސީ ހާސިލުކުރި ކަންކަން އެ ކްލަބާއެކު ހާސިލުކުރަން ބޭނުންވާ ކަމަށާއި، މެސީއަށް އަދިވެސް ފުރިހަމައަށް އިހުތިރާމު ކުރާނެ ކަމަށެވެ.
ޔަމާލް އޮފް ސީޒަނުގައި އޭނާގެ 18 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ޕާޓީއެއް ބާއްވާފައިވާ އިރު، އެ ޕާޓީގައި ޑްވާފް ގްރޫޕެއް މަޖާ ނެގުމަށް ބޭނުންކުރި މައްސަލައެއް އަންނަނީ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު