ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ ޖެނުއަރީ 4 ވަނަ ދުވަހު ފަށަން ނިންމައި
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހު އެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ފުރަތަމަ މަރުހަލާ ހުޅުވާލައިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ރަށު ކައުންސިލްތަކަށެވެ. އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ބައިވެރިނުވެއްޖެނަމަ އެންމެ ފަހުގެ މެނޭޖްމަންޓަށް ފުރުސަތު ދެވޭނެ އެވެ. އަދި ކައުންސިލާއި އެންމެ ފަހުގެ މެނޭޖްމަންޓުން ބައިވެރިނުވާ ހާލަތެއްގައި އެހެން މެނޭޖްމަންޓަކަށްވެސް ބައިވެރިވުމުގެ ފުރުސަތެއް ލިބޭނެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ގަވާއިދަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުޅުންތެރިން އުފަން ރަށަށް ކުޅެ، އަތޮޅާއި ރަށުގެ ފުޓްސަލް ތަރައްގީ ކުރުމަކީ މުބާރާތުގެ މައިގަނޑު މަގުސަދު ކަމަށްވާތީ ކުޅުންތެރިން އުފަން ރަށް ދޫކޮށް އެހެން ރަށްރަށަށް ކުޅުން ހުއްޓުވުމަށް އާ ގަވައިދުގައި ބައެއް ކަންކަން ވަނީ ހިމަނާފަ އެވެ.
އެންމެ ބޮޑު ބަދަލަކީ ކުރިން ގަވާއިދުގައި އޮތް އެއް އަހަރު މުބާރާތް ނުކުޅެ ހުރުމަށްފަހު ރަށް ބަދަލު ކޮށްގެން އެހެން ރަށަކަށް ކުޅެވޭ ގޮތަށް އޮތް ނިޒާމު ތިން އަހަރަށް ބަދަލުކުރުމެވެ. އެހެންވެ އަންނަ އަހަރުގެ މުބާރާތުގައި ރަޖިސްޓްރީ ބަދަލުކޮށްގެން ކުޅެވޭނީ 2023، 2024 އަދި 2025ގެ މުބާރާތުގައި ނުކުޅޭ ކުޅުންތެރިންނަށް އެކަންޏެވެ. އަދިވެސް ތިން އަހަރުގެ މުބާރާތުގައި އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ކުޅެފައިވާ ކުޅުންތެރިން އަމިއްލަ ރަށަށް ބަދަލުވުމަށް ވަކި ފުރުސަތެއް ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެކަމަށް ހަދާފައިވާ ފޯމެއް ފުރަމަށް ފަހު، އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ކުރިން އަމިއްލަ ރަށަށް ބަދަލުވެ 2026 ވަނަ އަހަރުގެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އެވެސް އެއީ މި ފަހަރު އެކަނި ދޭނެ ފުރުސަތެއް ކަމަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 128 ޓީމަކުން ބައިވެރިވި އެވެ. އަދި މުބާރާތުގައި 300 އަށްވުރެ ގިނަ މެޗު ކުޅެވުނުއިރު މުބާރާތުގެ ޗެމްޕިއަން ޓީމަކީ ކ. ކާށިދޫ އެވެ. މިއީ ކާށިދޫ ޗެމްޕިއަން ކަން ހޯދި ފުރަތަމަ ފަހަރެވެ.
އަންނަ އަހަރަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 ވަނަ މުބާރާތް ބާއްވާނެ އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު