އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ސޮކާ އެކަޑަމީ (އައިއެސްއޭ) ރާއްޖެ ޓުއާގެ އެންމެ ފަހު މެޗު ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިއްޖެއެވެ.
މި މެޗު ކުޅެވިގެން ދާނީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި 16:15 ގަައެވެ.
އައިއެސްއޭގެ މި ޓުއާއަކީ މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް)، ވެސްޓް އޮސްޓްރޭލީއަން މޯލްޑިވިއަން އެސޯސިއޭޝަން (ވާމާ) އަދި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ރާއްޖޭގައި މި މަހުގެ 17 ވަނަަ ދުވަހާ ހަމަޔަށް ރޭވި ހަރަކާތެކެވެ.
މި ޓުއާގައި އައިސްއެއޭ ރާއްޖެ އަތުވެފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު އެ ޓީމު ވަނީ މާޒިޔާ، ވެލެންސިއާ އަދި އެމްއެސްއެމް ގެ ޒުވާން ޓީމުތަކާއި ދެކޮޅަށް ގަލޮޅު ދަނޑުގައި މެޗު ކުޅެފަައެވެ.
އައިއެސްއޭ އިން ފާއިތުވި މަހުގެ 7 ވަނަ ދުވަހު އެ މުއައްސަސާގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރިއެވެ. މި އެކަޑަމީގެ މައިގަނޑު އަމާޒަކީ ހުރިހާ އުމުރުފުރައެއްގެ ކުޅުންތެރިންނަށް ފުރިހަމަ ތަމްރީނު ފޯރުކޮށްދީ، އެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، ޕްރޮފެޝަނަލް މައިދާނަށް ތައްޔާރުކުރުމެވެ.
މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އޮސްޓްރޭލިއާގެ ޕްރޮފެޝަނަލް ފުޓްބޯޅަޯޅަ ދާއިރާއަށް ގިނަ ޢަދަދެއްގެ ހުނަރުވެރި ކުޅުންތެރިން ވަނީ ތަޢާރަފުކޮށްދީފައެވެ. މީގެ ތެރެއިން ގިނަ ކުޅުންތެރިން މިހާރު ދަނީ އެ ޤައުމުގެ ނަންހިނގާ ބޮޑެތި ކްލަބްތަކުގައި ކުޅެމުންނެވެ.
ރާއްޖެ ޒުވާން ގައުމީ ޓީމް އެންމެ ފަހަކަށް ބައިނަލްއަގްވާމީ މެޗެއް ކުޅެފައިވަނީ މޭ މަހު އޮތް 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައެވެ. އެ މުބާރާތުގައި ގްރޫޕް ސްޓޭޖުން ބޫޓާން އަދި ބަންގްލަޑޭޝް ކައިރިން ރަނގަޅު ނަތީޖާއެއް ނެރެވުނުނަމަވެސް، މުބާރާތުން ވަކިވާން ޖެހިފައިވަނީ ސެމީ ފައިނަލުގައި އިންޑިއާއާއި ކުޅެ 0-3 ގެ ނަތީޖާއަކުން ބަލިވުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު