Advertisement
މާލޭ ނޯތު ހާބަރު. --- ފޮޓޯ: އެމްޕީއެލް

ވިޔަފާރި ބަނދަރު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީ ބޮޑުކުރާކަށް ނޫޅޭ!

މާލޭގެ އުތުރު ފަރާތުގައި އޮންނަ ވިޔަފާރި ބަނދަރު ބޭނުން ކުރާ އޮޑި ދޯނިފަހަރުން ނަގާ ފީތައް ބޮޑު ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް އެމްޕީއެލްއިން މިއަދު ދޮގުކޮށްފިއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މާލޭ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑު ކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު ކުރިއަށް ނުދާ ކަމަށެވެ. އެހެންވެ، މިކަމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބަޔާނުގައިވެއެވެ.

Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުއާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކޮށް އޭ ޒޯން ބޭނުން ކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަންގަވައިފައެވެ. އެމްޕީއެލްގެ ބަޔާނުގައި ވަނީ އެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

“މި ކުންފުނީގެ އަމާޒަކީ މާލޭ ނޯތު ހާބަރު ބޭނުން ކުރާ އޮޑި ދޯނި ފަހަރަށް ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލަށް މި މަހުގެ 14 އިން ފެށިގެން ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއޫގައި މަޑުކުރަން ޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ،” އެމްޕީއެލްގެ ބަޔާނުގައިވެއެވެ.

އެމްޕީއެލްގެ ބަޔާނުގައި ބުނީ މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ހާއްސަކޮށްފައިވާ މާލޭ ނޯތު ހާބަރުގެ “ޑީ ޒޯން”، “އީ ޒޯން”، އަދި “އެފް ޒޯން”، ބޭނުން ކުރާ އެއްވެސް އުޅަނދަކުން މިހާރު ވެސް ފީ ނުނަގާ ކަމަށެވެ. މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ފަހު ހުޅުވާލުމާއެކު، މި ޒޯންތައް އަލުން ހުޅުވާލުމާއެކު، އެމްޕީއެލުން އުސޫލަށް ގެނައި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖީސްޓްރީކޮށްފައި ނުވާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތް ހެދުމެވެ.

މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށް އެމްޕީއެލްގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި