1447 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން، ކުޑަކުދިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ”ހުކުރު ޚުތުބާ ކުއިޒް“ ގެ ނަމުގައި ޤައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިފްތިތާޙުކޮށްފިއެވެ. މި މުބާރާތަކީ ޢުމުރުން 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން، ހުކުރު ޚުތުބާއަށް ދޭ ސަމާލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހުކުރު ޚުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމާއި، ޚުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތައް އުނގަންނައިދިނުން ހިމެނެއެވެ. މީގެ އިތުރުން، އާއިލާތަކުގެ މެދުގައި ޚުތުބާގެ މަޢުލޫމާތުތަކާ މެދު މަޝްވަރާކޮށް، އާއިލީ ގުޅުން ބަދަހިކުރުމުގެ ރޫޙު އާލާކުރުމަކީވެސް މި މިނިސްޓްރީގެ އަމާޒެކެވެ.
މުބާރާތް ކުރިއަށްދާނެ ގޮތް
މި ކުއިޒަކީ ދިވެހި ބަހުން ކުރިއަށްގެންދާ ”އޯޕަން ބުކް“ މެތަޑުގެ މުބާރާތެކެވެ. ކުއިޒަށް ޖަވާބު ދިނުމަށްޓަކައި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚުތުބާ ކިޔަންޖެހޭއިރު، ޚުޠުބާ ފަހުމުވުމަށް ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ކުދިންނަށް އޮންނާނެއެވެ. ކުއިޒް ކުރިއަށްދާނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށެވެ. ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ހެނދުނު 10:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އާ ހަމައަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.
މި މުބާރާތް ބަހާލެވިފައިވަނީ ތިން އުމުރުފުރާއަކަށެވެ. އެއީ ގްރޫޕް އޭ (7-9 އަހަރު)، ގްރޫޕް ބީ (10-12 އަހަރު) އަދި ގްރޫޕް ސީ (13-15 އަހަރު) އެވެ. މުބާރާތުގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޚާއްޞަ ވައިބާ ކޮމިއުނިޓީ ގްރޫޕާ ގުޅެންޖެހެއެވެ. މި ގްރޫޕް މެދުވެރިކޮށް ކޮންމެ ހަފްތާއަކު ޚުތުބާގެ ލިންކާއި ކުއިޒާ ބެހޭ އިތުރު މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.
ވަނަވަނައާއި އިނާމުތައް
މުބާރާތުން ވަނަ ހޮވުމުގައި ބަލާނީ ހުރިހާ ބުރުތަކަކުން ޖުމްލަ %90 އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނަށެވެ. މާކްސް އެއްވަރުވާ ހާލަތްތަކުގައި ވަނަ ހޮވާނީ ގުރުއަތުންނެވެ. ކޮންމެ އުމުރުފުރާއަކުން އެއްވަނައަށް ހޮވޭ ކުއްޖަކަށް ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނައަށް 1000 ރުފިޔާ އަދި ތިންވަނައަށް 500 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ވީހާވެސް ގިނަ ކުދިންނާއި ބެލެނިވެރިން މި ފުރުޞަތުގެ ބޭނުން ހިފައި، މި މުބާރާތުގައި ބައިވެރިވުމަށް ބާރުއަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު