މައުމޫން ފައުންޑޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ މިދިޔަ ހޯމަ ދުވެހުގެ ރޭ 8:30 ގައި މާލޭގައި ހުންނަ ފައުންޑޭޝަންގެ އޮފީހުގައި ބާއްވައިފިއެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މައުމޫން ފައުންޑޭޝަންގެ ޗެއާރމަން، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. މި ޖަލްސާގައި ފައުންޑޭޝަންގެ ވައިސް ޗެއާރމަން އަލްފާޞިލް އަޙްމަދު ފާރިސް މައުމޫނާއި، ޖެނެރަލް ސެކްރެޓަރީ ޑރ. އަޙްމަދު ޝަރީފާއި، ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އަލްފާޞިލް ޢަބްދުﷲ ކަމާލުއްދީނާއި، ފައުންޑޭޝަންގެ އިސްވެރިންގެ އިތުރުން ފައުންޑޭޝަންގެ ޢާންމު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޗެއާރމަން ވަނީ 2025 ވަނަ އަހަރު މައުމޫން ފައުންޑޭޝަނުން ހާސިލްކޮށްފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެމަނިކުފާނުގެ އަތުލިޔުއްވުމަށް ބިނާކޮށް އަކުރުޓައިޕް އާއި މި ފައުންޑޭޝަން ގުޅިގެން “މައުމޫން ފޮންޓް” އިފްތިތާޙުކުރުމާއި، ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ފައުންޑޭޝަންގެ ސްކޮލަރޝިޕް ޕްރޮގްރާމް އަލުން ފެއްޓެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޤައުމީ ދުވަހާ ގުޅިގެން ޅެންވެރިކަމުގެ މުބާރާތެއް ކާމިޔާބުކަމާއެކު ބޭއްވުމާއި، ނިމިދިޔަ ރަމަޟާން މަހު ބޭއްވި އިޙްޔާ ފޯރަމްތަކާއި ދީނީ އަދި އިޖުތިމާޢީ އެކި ހަރަކާތްތަކަށް ޢާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަންވެސް ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް އަހަރަށް ރޭވިފައިވާ މުހިންމު މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫޢު އިފްތިތާހުކުރަން ރާވައިފަވާކަން ޗެއާރމަން އިޢުލާނުކުރެއްވިއެވެ. މިއީ ޤައުމީ ފެންވަރުގެ ބޮޑު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މި މަޝްރޫޢުގެ މަޤްޞަދުތަކާއި، ދުރު ރާސްތާގެ ތަސައްވުރު ހިމެނޭ ފުރިހަމަ ޕްރޮޕޯޒަލެއް މިހާރު ތައްޔާރުކުރެވިފައިވާކަމުގެ މަޢުލޫމާތު މެންބަރުންނަށް ދެއްވިއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ހަޔާތްޕުޅާއި ޤައުމީ ޚިދުމަތާއި ގުޅުންހުރި ތަގުރީރުތަކާއި، ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ފޮތްތަކާއި، ވީޑިއޯތަކާއި އަދި ތާރީޚީ ރެކޯޑުތައް އެއްކޮށް، ރައްކާތެރިކޮށް، ޑިޖިޓަލައިޒްކޮށް ތަރުތީބުކުރުމެވެ. އަދި މި ތަކެތި ދިރާސާކުރާ ފަރާތްތަކަށާއި، ދަރިވަރުންނަށާއި، ޢާންމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި އާކައިވް ގާއިމުކުރެވުމުން، މިއީ ދިވެހި ތާރީޚުގެ މުހިންމު ބާބެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ޤައުމީ ވަސީލަތަކަށް ވެގެންދާނެކަމުގައި ޗެއަރމަން ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ފަންނީ މާހިރުންނާއި ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު (climate change) ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ ތިމާވެށީގެ އައު މަޝްރޫއެއްވެސް އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭން ބޭރުން ދިވެހި ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ފޮރިން ސްކޮލަރޝިޕް ޕްރޮގްރާމް ހިންގުމަށް ރޭވިފައިވާކަންވެސް ރައީސް މައުމޫން ހިއްސާކުރެއްވިއެވެ.
މި އަހަރަށް އިޢުލާނުކުރެވުނު އަނެއް މުހިންމު މަސައްކަތަކީ އިސްލާމީ މަރުކަޒު މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަޝްރޫޢެވެ. 40 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި ޚިދުމަތް ދެމުންދާ އިސްލާމީ މަރުކަޒު މަރާމާތުކުރުމަށްޓަކައި، އިސްލާމީ ކަންތައްތަކާބެހޭ ވުޒަރާއާއެކު މައުމޫން ފައުންޑޭޝަނުން ފަހުމުނާމާއެއްގައި (އެމް.އޯ.ޔޫ) ސޮއިކޮށްފައިވާކަން ޗެއާރމަން ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ މަޤްސަދަކީ ރައީސް މައުމޫންގެ ވެރިކަމުގައި ބިނާކުރެވުނު، ރާއްޖޭގެ އެންމެ މުހިންމު ބިނާ ކަމުގައިވާ އިސްލާމީ މަރުކަޒު ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ރަނގަޅު ފެންވަރެއްގައި ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެގޮތް ކަށަވަރު ކުރުމަށް ރާއްޖެއާއި، ރާއްޖެއިން ބޭރުން ފަންޑު ހޯދައިގެން މަސައްކަތް ކުރުމެވެ. މި ފަހުމުނާމާގެ ދަށުން ދީނީ، ތަޢުލީމީ އަދި އިޖުތިމާއީ ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ނިންމާލާފައިވަނީ އިދާރީ ކަންކަމާއި ކުރިއަށް އޮތް ތަނުގެ ރޭވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު