މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ދައުވާ އުފުލާފައިވާ އިމިގްރޭޝަންގެ އޮފިސަރު އިބްރާހީމް އަހުމަދުގެ މައްޗަށް 11 މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
އިބްރާހީމް އަހުމަދުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ، ފޭރުމުގެ ދައުވާ، އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް އިބްރާހިމް ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން، އޭނާގެ އިއުތިރާފުން މި ކުށްތައް ސާބިތުވާކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކޯޓުން އިއްވި އަދަބުތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއާއެކު ދެ މަހުގެ ޖަލު ހުކުމަކާއި 62،400 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ވަނީ ނިންމާފައެވެ.
ފޭރުމުގެ ދައުވާއިން ހަތް މަހުގެ ޖަލު ހުކުމަކާއި 130،800 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވާއިރު، ފައިސާ ހޯދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދިނުމަށްވެސް އަމުރުކޮށްފައިވެއެވެ.
މީގެއިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާ ގުޅިގެން ދެ މަހުގެ ޖަލު ހުކުމަކާއި 62،400 ރުފިޔާގެ ޖޫރިމަނާގެ އިތުރުން ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،500 ޑޮލަރު ދިނުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
މި އެއްބަސްވުމާ ނުލައި މައްސަލަ ކުރިއަށް ގެންގޮސް ކުށް ސާބިތުވިނަމަ، އިބްރާހީމްގެ މައްޗަށް ފަސް އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތެވެ
ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު