Advertisement

ނިމިދިޔަ ސަރުކާރުން ދިއްދޫގައި ޤާއިމު ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވައިފި

ކުރީގެ ރައީސް އިބްރާހީމް މުޙްމަދު ސޯލިހުގެ ސަރުކާރުން ހއ.ދިއްދޫގައި އިމާރާތް ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފާހަގަ ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިސްކިތްތަކަކީ އިސްލާމީ އަޤީދާގެ އެންމެ މުހިންމު ބިނާތައް ކަމަށެވެ. އެހެންކަމުން، މި ސަރުކާރުން މިސްކިތްތައް މަރާމާތު ކުރުމާއި، އައު އިމާރާތްތައް ބިނާ ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

Advertisement

އެއާ އެކު ރައީސް މުޢިއްޒު ވިދާޅުވީ ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި 74 މިސްކިތާއި، ހަތް އިިސްލާމީ މަރުކަޒާއި، ތިން ޤުރުއާން މަރުކަޒު އަދި ހަ ވަޤުފު ބިނާ އާއެކު، ޖުމުލަ 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހއ.ދިއްދޫގެ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގެ މަސައްކަތް ނިންމައި ހުޅުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު އަށް މިސްކިތް ވެސް ހުޅުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ވޭތުވެ ދިޔަ އަހަރު ހަތް ދިހަ ހަތަރު މިސްކިތާއި، ހަތް އިސްލާމީ މަރުކަޒާއި، ތިން ޤުރުއާން މަރުކަޒާއި، ހަ ވަޤުފު ބިނާ އާއެކު، މުޅިއެކު ނުވަދިހަ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔައިން. މީގެ ތެރެއިން ހއ.ދިއްދޫގެ އިސްލާމިކް ސެންޓަރާއި، ދިހަ ރަށެއްގެ މަސައްކަތް ނިންމައި ހުޅުވިން. އަދި ބަރާކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު އަށް މިސްކިތެއް އިރާދަކުރެއްވިއްޔާ ހުޅުވާނަން. މިސްކިތްތައް މަރާމާތު ކުރުމުގެ އިތުރުން، ބޭނުން ކުރަމުންދާ މިސްކިތްތައް މަރާމާތު ކުރުމަށް ވެސް މި ސަރުކާރުން ސަމާލުކަން ދޭނެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ހއ.ދިއްދޫ އިސްލާމިކް ސެންޓަރު މި ސަރުކާރުން ނިންމައި، ހުޅުވައި، އަދި އެެއީ މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް މުޢިިއްޒު ފާހަގަ ކުރައްވާފައިވާއިރު، އެއީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި މަސައްކަތް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އާރުސީސީއާ އެވެ. އެއީ ޖުމުލަ 50.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

2023 ވަނަ އަހަރު ސަރުކާރު ބަދަލުވީއިރު ވެސް، އެ ސެންޓަރުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދަމުން އައިސް، މި ސަރުކާރުން އެ ސެންޓަރު ހުޅުވާފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު ވެސް ސަރުކާރުން މި މަޝްރޫއުގެ ކްރެޑިޓް ނަގަން މަސައްކަތް ކުރުމުން، އެތައް ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.

ރާއްޖޭގެ އެކި ކަން ކޮޅު ތަކުގައި އިސްލާމިކް ސެންޓަރު ޤާއިމު ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާ ކަަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާއިރު، ށ.މިލަންދޫގައި ހުރި ބޮޑު މިސްކިތެއް ތަޅާލައި، އެ ތަނުގައި އިސްލާމިކް ސެންޓަރެއް ޤާއިމު ކުރުމަށް ރައީސް މުޢިއްޒު ވަޑައިގެން ބިންގާ އެޅުއްވި ނަމަވެސް، އަދި ވެސް އެ ސެންޓަރުގެ މަސައްކަތް ކުރިއަށް ނުދެ އެވެ.

މިސްކިތްތައް މަރާމާާތު ކުރުމަށް ސަރުކާރުން ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށް ވެސް ރިޔާސީ ބަޔާނުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅު ތަކުގެ ކައުންސިލް ތަކުގެ ކަންބޮޑުވުމަކީ މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން އެކަށީގެންވާ ސަމާލު ކަމެއް ނުދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް