އެ އަށް ވުރެ ވެސް ބިރުވެރިކަމަކާ ދިމާވީ ޖެހިގެން އައި ރެޔެވެ. އެ ރޭ ފަތިސްނަމާދަށް ބަންގިގޮވަން މުދިންބެ މިސްކިތަށް ދިޔަ އިރު އަޖައިބުވާ ކަހަލަ މަންޒަރެއް މުދިންބެއަށް ފެނުނެވެ. ލެއްގި ގަބުރު ވަޅުލި ވަޅުގަނޑު އޮތީ ކޮނެފައެވެ. ގަބުރު އޮތީ މަހާނަ ކައިރީގައެވެ. މުދިމު ބިރުން އެ ވާހަކަ ބުނުމުން މީހުންތައް އައިސް އެތައް ބަޔަކަށް އެ މަންޒަރު ފެނުނެވެ. ކަށްވަޅު އޮތީ ކޮނެފައިވާ ކަހަލަ ގޮތަކަށް ނޫނެވެ. އަޑިން އެއްޗެއް އެރުމުން ފަސްގަނޑު އަރާފައިވާ ކަހަލަ ގޮތަކަށެވެ. އެ ދިމާއަކު މީހެއްގެ އެއްވެސް ފިޔަވަޅެއް ވެސް ފެންނާކައްނެތެވެ.
ރަށު މީހުން އަނެއްކާ ވެސް ގަބުރު ވަޅުލިއެވެ. އެ މަންޒަރު ނުދެކޭ އެކަކަށް ވެސް އެ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށް ހަލީމު ކިޔައިދިނެވެ.
އަހަންނަކަށް ވެސް ގަބޫލެއް ނުކުރެވުނު! ވަސީމު އޮއްދާ ހިއްލާފައި ހުރެގެން ބުންޔެވެ.
ގަބުރެއް ހަރަކާތެއް ނުކުރާނެއެވެ. އެ ކަހަލަ ކަންތައް ވާނީ ފިލްމުތަކާއި ވާހަކައިގައި އެކަންޏެވެ. މައްސަލައަކީ، ރަށުގެ އިތުބާރު ކުރެވޭ މީހުންނަށް އެ މަންޒަރު ފެނިފައިވާތީއެވެ. ރައްޔިތުންގެ ނިންމުން ދެބަޔަކަށް ބެހުނީއެވެ. ގަބޫލުކުރާ ބަޔަކާއި ނުކުރާ ބަޔަކަށެވެ. އެހެނަސް، މުޅި ރަށަށް ޒާތެއްގެ ބިރުވެރިކަމެއް ފެތުރުނެވެ. އެ ހިސާބުން ވެސް އެ ކަންތައްގަނޑު ނިމުނީކީ ނޫނެވެ. ވަސީމްގެ ވާހަކައަށް ބާރުދެމުން ރުޝްދީ ބުނެލިއެވެ.
ޖެހިގެން އައި ރޭ މުދިމު މިސްކިތަށް ގޮސްފައި ވެސް، ފުރަތަމަ ބަލައިލެވުނީ ގަބުރުސްތާނެވެ. މުޅި ރަށުގައި އެކި ގޮތްގޮތަށް އެ ވާހަކަ ދެއްކެވޭތީއެވެ. މުދިންބެއަށް ފެނުނީ ގަބުރު ވަޅުލިތަން ވައްތަރަކަށް ބިންގަނޑު އަރާފއި އޮތްތަނެވެ. ނަމަވެސް ކުރީރޭ އޮތްގޮތައް މިރެޔަކު ގަބުރު ކައިރީގައި ފެންނާކައްނެތެވެ. އެ އިން ހިސާބަކުން ވެސް ގަބުރެއް ނުފެނުނެވެ. މީހެއްގެ ފިޔަވަޅެއް ވެސް އެތާ ކައިރިއަކު ނެތެވެ. ފަތިސް ނަމާދަށް އައި މީހުން ގޮވައިގެން މުދިންބެ ނިކުތީ ގަބުރަށް ވީނުވީއެއް ބަލާށެވެ. މީހުން ނުކުމެ ހޯދަމުން ދަނިކޮށް ގަބުރު ފެނުނީ، މިސްކިތާ ދިމާއިން ގޮނޑުދޮށުގައި އޮއްވައެވެ. އެއީ ކައިރި ހިސާބެއް ނޫނެވެ. މީހަކު ދަމާފައި ގެންދިޔަ ނަމަ ދަމާފައި ގެންދިޔަ ރޮނގެއް ނުވަތަ މީހެއްގެ ފިޔަވަޅެއް ވެސް ހުންނާނެތާ! އެކަމު އެސަރަހައްދަކުން ނެތް އިންސާނެއްގެ ހިލަމެއް ވެސް ފެންނާކަށް! ވަސީމު ހާސްކަމެއްގެ ތެރޭގައި ހުރެ ކިޔައިދިނެވެ. ވަސީމު ބުނި ގޮތުގައި، ރަށުގެ ބޮޑެތި ހުރިހައި ފިރިހެނުން އެ ފަހަރު އެ މަންޒަރު ދުށްޓެވެ.
ގަބަރު އަތިރިމަތިން ފެނުމުން އަނެއްކާ ވެސް ނަގައިގެން ގެނެސް ގަބުރު ވަޅުލިއެވެ. އޭގެ ފަހުން ގަބުރު އެރުން ހުއްޓުނެވެ. ރައްޔިތުންގެ ހިތުގައި ބިރުވެރިކަން ދާއިމަށް ހަރުލިއެވެ. އިރުއޮއްސޭ އިރަށް މީހުން ގޭގެއަށް ވަންނަނީ އެހެންވެއެވެ. ވަރަށް ބޮޑުކަމެއް ޖެހިގެން މެނުވީ، އެކަކު ވެސް ރޭގަނޑު ބޭރަށް ނުކުތުން ހުއްޓައިލިއެވެ. އެންމެ އަވަހަށް ވެސް މީހަކު ނުކުންނަނީ ފަތިސްނަމާދު ވަގުތު ޖެހުނީމައެވެ. މީހުން ބިރުގަތް ވަރުން، ރޭގަނޑު ބަދިގެ އަށް ދިޔުމެއް ވެސް ނޯވެއެވެ. ގިނަ ގޭގޭގެ ބަދިގެ ހުންނަނީ ގެއާ ވަކިންނެވެ. އިރުއޮއްސޭ އިރު ކާއެއްޗެއް ނެހެދިއްޖެ ނަމަ، ގެއަށް އެއްޗެއް އެތެރެ ނުކުރެވިއްޖެ ނަމަ، އެ ބަޔަކު ތިބެނީ ނުކައެވެ. ގިފިއްޔަށް ދިޔުމެއް ވެސް ނޯވެއެވެ. ވަސީމް ބުނެލިއެވެ.
“އެކަމަކު ދެން ގަބުރު އެރުން ހުއްޓިއްޖެއްނު!” އަހަރެން ބުނީމެވެ. “އަލިގުޅައެއް ވެސް ނުފެނޭ! ދެން ކޮން ބިރެއް؟”
“ތި ވާހަކައޭ ބުނަން މި އުޅެނީ،” ރުޝްދީ ވައިއަޑަކުން ބުނެލިއެވެ. “ރޭގަ އަނެއްކާ ވެސް ދެ މީހަކަށް އަލިގުޅަ ފެނުނީއޭ! އޭގެ ތެރެއިން އެކަކު މި ކޯހުގަ ވެސް އެބަ އުޅޭ! އަލިގުޅަ މި ފެންނަނީ ބޮޑުމަގުގެ ކޮޅުން. އަންނަ ގޮތަށް އައިސް ތިރި ވަނީ މިސްކިތުގެ ގަބުރުސްތާނަށް. ފަތިސްނަމާދަށް ދާ ކޮންމެވެސް މީހަކަށް މި ފެންނަނީ.”
އެދެމީހުން އެ ވަރަށް އެވާހަކަ ކިޔައިދިން އިރުވެސް އަހަރެންގެ ހިތުގައި ބިރުގެ ކަންފުޅެއްވެސް ނެތެވެ. އެ މަންޒަރު ބަލާ ހިތްވީއެވެ. އަހަންނަކީ އެ ޒާތުގެ އިނގެރޭސި ވާހަކަތައް ކިޔައި، ފިލްމުތައް ބަލާ މީހެކެވެ. އަލިގުޅަ އާއި ޖިންނި އާއި ގޯސްޓަކީ ވެސް ފެންނަ އެއްޗެހި ކަމަށް މީހުން ކިޔައެވެ. އަހަންނެއް ނުދެކެމެވެ. ފެންނާނެ ނަމައޭ އަބަދު ވެސް ހިތަށް އަރައެވެ.
“އަހަރުމެން އައި އިރު ވެސް މުޅި ރަށް އޮތީ ފަޅަށް،” ވަސީމު ބިރުންހުރެ ބުންޏެވެ. “ޒިކުރުތައް ކިޔަމުން މި އައީ.”
އޭގެ ފަހުން އެ މަންޒަރު ދެކިލުމުގެ ޝައުގުވެރިކަން ކުރިޔަށް ވުރެ ބޮޑުވިއެވެ. އެ ބުނާ މިސްކިތުގެ ގަބުރުސްތާނު ބަލައިލަން ބޭނުންވިއެވެ. އަހަންނަކަށް އެ ރަށެއް ނޭނގެއެވެ. މަގުތަކަށް ފަރިތައެއް ނޫނެވެ. އަހަންނަކީ ގޭގައި ވެސް ފަސް ވަގުތު ނަމާދުކުރާ މީހެއް ނޫނެވެ. ވީމާ، ފަތިސްނަމާދަށް މިސްކިތަށް ދިޔުމަކީ ކުރަން ހިތަށް އެރި ކަމެއް ވެސް ނޫނެވެ.
ކޮންމެއަކަސް، ރަށު މީހުން އުޅުނު ގޮތަކަށް އަހަރެން ވެސް އުޅުނީއެވެ. ހަވީރުވާ އިރަށް ގެއަށް ވަންނަ ގޮތަކަށް ދެނެއް ނުނިކުންނަމެވެ. ކޯހުގައި ދެތިން ދުވަހަކު ކިޔަވައިދި ދިނުމުން އެކުވެރިންގެ ގާތްކަން ބޮޑުވިއެވެ. ކިޔެވުމުގެ އިތުރަށް އެހެން ވާހަކަތައް ވެސް އަހަރުމެން ހިއްސާކުރަން ފެށީމެވެ. ކުޅިވަރާ ބެހޭ ވާހަކައެވެ. ދިރިއުޅުމާ ބެހޭ ވާހަކައެވެ. ހަފުތާއެއް ތެރޭގައި، އަހަރެން ބޭނުން ވާހަކައެއް ދެއްކޭ ހިސާބަށް ގުޅުން ބަދަހިވިއެވެ.
“އޭ! ހިނގާބަލަ އަލިގުޅަ ފެނޭތޯ ބަލަމާ!” އަހަރެން އެދުނީމެވެ.
“ކިހިނެއް ތި ކަން ކުރާނީ؟” ވަސީމު ބުންޏެވެ. “އޮއްސޭ އިރާ އެއްކޮށް އެންމެން ގޭތެރެއަށް ވަދެ ފިލާނެ. މުޅި ރަށް އެ އޮންނަނީ ފަޅުވެފަ. މެއްސެއް މަދިރިއެއް ވެސް ނޫޅޭނެ.”
“ރޭގަނޑު ކުލާހެއް ބާއްވާނީ،” އަހަރެން ރަނގަޅު ހިޔާލެއް ދިނީމެވެ. “ބާރަ ޖަހަންދެން ކަރަންޓު ހުރެއެއްނު. އެއްރޭ ބާރަ ޖަހަންދެން ކުލާސް ދަންމާލާނީ. އޭރުން ގެއަށް ދާކަށް ނުޖެހޭނެއްނު.”
“އެކަމަކު ބާރަ ޖަހާ އިރަކު ނޫނޭ އަލިގުޅަ ފެންނަނީ،” ރުޝްދީ ބުންޏެވެ. “ފަތިސްނަމާދަށް ދާ މީހުންނަށް މި ފެންނަނީ.”
“ރަނގަޅޭ! އެކަމަކު ތި ގަބުރު ނުކުންނަ މަންޒަރު ފެނުނަސް ކިހާ ސަޅިވާނެ؟” އަހަރެން ހިތްވަރު ދިނީމެވެ. “ކިހިނެއް އެނގެނީ؟ ފަހަރެއްގަ ހަމަ ލަކީލައްވާލަފާނެއްނު!”
“ފެނިއްޖެއްޔާ އަހަރެން މޮޔަވެދާނެ،” ވަސީމު ކަންބޮޑުވެފައި ބުންޏެވެ. “ކުރީ ރޭ އަތޮޅުގެއަށް އައިމަ ވެސް ބޭބެ ހުރީ ވަރަށް ކަންބޮޑުވެފަ. ދަންވަރު މިސްކިތްދޮށަށް ގޮސްގެން އުޅެނިކޮށް ކަމެއް ވެއްޖެއްޔާ ވަރަށް ސަކަރާތް ވާނެ.”
“ކޮން ސަކަރާތެއް ވާނީ؟” އަހަރެން ބުނީމެވެ. “ނުލާހިކު ދުރުގަ އަހަރުމެން ތިބޭނީ. މި އުޅެނީ އުނދަގޫކޮށް، އެއްޗަކާ ތަޅާފޮޅާކަށް ނޫނެއްނު! ވާ ގޮތް ބަލާލަން ބޭނުންވަނީ. އަދި ނޭނގެ އެއްޗެއް ފެންނާނެ ކަމެއް ވެސް. އަހަރެން އަތުގަ އޮންނާނެ ފާޑެއްގެ ކެމެރާގަނޑެއް. އެ ވެސް ހިފައިގެން ދާނީ. ދުރުދުރުން ބަލާލާފަ އަންނާނީއޭ. ދަންވަރު އެ ތަން ބަލާލަން ބޭނުންވަނީ.”
އެ މީހުން އެއްބަސް ކުރެވުނީ ވަރަށް ގިނަ ވާހަކަ ދައްކައިގެންނެވެ. ގަޑިން ދަންވަރު ބާރަޖެހި އިރު އަހަރުމެން ތިން މީހުން ނުކުތީމެވެ. ބައްތި އޮތީ ވަސީމު އަތުގައެވެ. އަހަރެން އަތުގައި އޮތީ ކެމެރާއެވެ. ފްލޭޝްއެއް ނެތެވެ. ވީމާ، އެ އަނދިރީގައި ނަގާ ފޮޓޯ ހުންނާނީ ކިހިނެއް ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ތެދަށް ބުނާ ނަމަ އެއްވެސް އެއްޗެއް ފެންނާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. ރުޝްދީ އާއި ވަސީމުގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފެނުނެވެ. އަހަރެންގެ ހިތުގައި އުތުރި އަރަމުން ދިޔައީ ޝައުގުވެރިކަމެވެ. ހިތަށް އެރިއެވެ. ޒަމާންވީ ހުވަފެނެއް ފަހަރެއްގައި ހަގީގަތަކަށް ވެސް ވެދާނެއެވެ.
އަހަރުމެންގެ ދަތުރު ފެށުނީ ބޮޑުމަގު ކޮޅުންނެވެ. އެއީ ރަށުގެ ކޮޅުންކޮޅަށް އޮންނަ، ސީދާ މަގެކެވެ. ރަށުގައި އޮންނަ އެންމެ ބޮޑު މަގެވެ. އަލިގުޅަ ފެންނަ ކަމަށް ބުނަނީ ވެސް އެ މަގުންނެވެ. ކަޅުފޮއި ރެޔެކެވެ. އަހަރުމެންގެ ފިޔަވަޅުގެ އަޑު ނޫން އަޑެއް ނީވެއެވެ. ރަށް އޮތީ ނިދައި މަރުވެފައެވެ. ވަލުތެރެއިން ގޮވައިލާ ކަނބިލިފިޔޮކާއި ކުކުޅުގެ އަޑު ދޭތެރެއަކުން އިވެއެވެ. އަޑެއް އިވޭ އިރަށް ހުއްޓިފައި، އެ ދިމާއަކަށް ވަސީމު އަލިކޮށްލައެވެ.
“ތި ވަރަށް އަލި ކުރަންޏާ، ކަމެއް ޖެހޭ އިރު ބެޓެރި ގޮއްސައެއްނު އޮންނާނީ،” އަހަރެން ބުނީމެވެ. “ބައްތި ގެނޭ އަހަރެން އަތަށް.”
ވަސީމު ބައްތިއެއް ނުދިނެވެ. އަހަރުމެން މަޑުމަޑުން ކުރިޔަށް ހިނގީމެވެ. އެއްވެސް ކަމެއް ދިމައެއް ނުވިއެވެ. ދިޔަ ގޮތަށް ދިޔައީ މިސްކިތް ކައިރިޔަށެވެ. މިސްކިތު ފާރުމަތިން ގަބުރުސްތާނު ފެންނަން އޮތެވެ. އަހަރުމެން އެތެރެއަކަށް ނުވަންނަމެވެ. ވަނުމުގެ ބޭނުމެއް ވެސް ނެތެވެ.
“އެދީ އެމަހާނަ.” އަލި ކޮށްލައިފައި ވަސީމު ބުންޏެވެ.
ފަތްއެޅި ކުޑަކޮށް ހަޑިވެފައި އޮތް ނަަމަވެސް، ފަސްގަނޑު އޮތީ ރަނގަޅަށެވެ. ވަސީމު އެކި ތަންތަނަށް އަލިކުރިއެވެ.
“ދެން ހިނގާ ދަމާ!” ރުޝްދީ ބުންޏެވެ. “ނެތެއްނު ކަމެއް.”
ތެދެކެވެ. ފަޅުކަން ފިޔަވައި އެހެން ކަމެއް އެ ތާކު ނެތެވެ. ބާރަގަޑި ބައިވިއެވެ. އެކެއް ޖެހިއެވެ. ހަމަ އެއް ކަމެއް ވެސް ނުވިއެވެ. އަހަރުމެން ގެއަށް ގޮސް ނިދީއެވެ. ދެ ވަނަ ރޭ ވެސް ދިޔައީމެވެ. ތިން ވަނަ ރޭ ވެސް ދިޔައީމެވެ. ވީ އެއްވެސް ކަމެއް ނެތެވެ. ކަމެއް ނުވާތީ، އަހަރުމެންގެ ޝައުގުވެރިކަން ދިޔައީ ކުޑަވަމުންނެވެ.
“މީ ދެން ބޭކާރު ކަމެއްނު!” ރުޝްދީ ބުންޏެވެ. “އަހަންނަށް ހީވަނީ މި ގަޑީގަ ނިދާލިޔަސް މާ ރަނގަޅުވާނެހެން.”
“ކޮންމެ ރެޔަކު ވެސް އަހަރުމެން އެކެއްޖަހާ އިރު ގެއަށް މި ދަނީ،” އަހަރެން ބުނީމެވެ. “މިރޭ ހިނގާބަލަ ތަންކޮޅެއް ގިނަ އިރު މި ތާ މަޑުކޮށްލަމާ! ނޫނީ މިރޭ ގެއަށް ގޮއްސަ، މާދަމާ ރޭ ހިނގާ ތަންކޮޅެއް ލަހުން ނުކުންނަމާ!”
ޖެހިގެންއައި ރޭ އަހަރުމެން ނުކުތީ ފަތިހު ހަތަރެއް ޖަހަނިކޮށެވެ. އެއީ ހަނދުވަރު ރީތި ރެޔެކެވެ. އާދައިގެ މަތިން އަހަރުމެން ބޮޑުމަގުން ދަތުރު ފެށީމެވެ. ހަނދުވަރުގެ ސަބަބުން އަހަރުމެންގެ ހިޔަނި ވަރަށް ފާޅުކޮށް ފެންނަން ހުއްޓެވެ. އެއްގޮތަކުން ރަނގަޅެވެ. އަނެއް ގޮތަކުން ތަންކޮޅެއް ބިރުވެރި ވެސް މެއެވެ. ވާހަކަ ދައްކަމުން އިސްޖަހާލައިގެން އަހަރުމެން ހިޔަންޏާ އެކުގައި ކުރިޔަށް ދިޔައީމެވެ. ފުރަތަމަ ދިޔައީ އަތިރިމައްޗަށެވެ. ވެލިގަނޑު މަތީގައި އިރުކޮޅަކު ތިބެލާފައި، ބަންގި ގޮވަން ކައިރިވީމައި، މިސްކިތާ ދިމާއަށް ހިނގައިގަތީމެވެ. ތަންކޮޅަކަށް ދިޔަތަނާ އާދަލާހިލާފު ކަމެއް އަހަންނަށް ފާހަގަކުރެވުނެވެ. އެއީ، ހަނދުވަރުގެ ސަބަބުން އެޅިފައިވާ އަހަރުމެންގެ ހިޔަނީގެ އިތުރަށް، އަހަރުމެންގެ ދިގު، މާ ކަޅު، އެހެން ހިޔަނިތަކެކެވެ. އެހެން މީހަކަށް އެ ކަމެއް ފާހަގައެއް ނުވެއެވެ. ދެކެވެމުން ދިޔަ އޮލަ ވާހަކައެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އަހަރެން ހިތަށް އެރިއެވެ. ދެ ހިޔަނީގެ މާނައަކީ ދެ އައްޔެވެ. ދިގު ހިޔަނީގެ ކަޅުކަން އައީ ގަދަވަމުންނެވެ. ހިޔަނި އައީ ކުރުވަމުންނެވެ.
“އޭ! ހިޔަނިތަކަށް ކިހިނެއް އެ ވަނީ؟” އެންމެ ފަހުން އަހަރެން އެހީމެވެ. “ބަލާބަލަ!”
“އެ ބުނާހެން!” ހައިރާންވެފައި ބާރީ ބުންޏެވެ. “ކިހިނެއް އެ ވަނީ؟”
އެހެން ބުނެފައި، ތިން މީހުން އެކުގައި ފަހަތް ބަލައިލީމެވެ.
(ނުނިމޭ) . . . . . . . .
ދެވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ . . . . . .


ކިޔުންތެރިންގެ ހިޔާލު