ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ލ. ކުނަހަންދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި ލ. ކަލައިދޫ އިން މުހިންމު މޮޅެއް ހޯދައިފިއެވެ.
މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ކަލައިދޫ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ފަރީސްއެވެ. ނަމަވެސް، ކަލައިދޫ އިން ލީޑު ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް ކުނަހަންދޫ ޓީމުގެ މުހައްމަދު މާއިޝް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފު ފެށުމާއެކު ކަލައިދޫ ޓީމުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް، ކުނަހަންދޫގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެގޮތުން އެޓީމުން އުފެއްދި ނުރައްކާތެރި ހަމަލާއެއްގައި އިބްރާހިމް ނާއިލް ވަނީ ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް ކަލައިދޫއަށް މެޗުގެ ލީޑު ހޯދައިދީފައެވެ.
މި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު، މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކަލައިދޫ ޓީމުގެ އިބްރާހިމް ނާއިލްއެވެ.
މި މުބާރާތަކީ ރާއްޖޭގެ ރަށްތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތެވެ. މިރޭގެ މޮޅާއެކު ކަލައިދޫ ޓީމަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު