ހުޅުމާލޭގައި މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސެލް ޗެލެންޖުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ލ. ކަލައިދޫގެ މައްޗަށް ކުރިހޯދައި ލ. މާވަށް މޮޅުވެއްޖެއެވެ.
ލ. އަތޮޅުގެ މި ދެ ޓީމު ބައްދަލުކުރި ފޯރިގަދަ މެޗު މާވަށުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެކެވެ. ދެ ޓީމުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ބޮޑުބައި ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން އޮވެއެވެ.
މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ މެޗު ނިމެން އެންމެ 10 ސިކުންތަށް ވެފައި ވަނިކޮށް ލިބުނު ރަނގަޅު ފުރުސަތެއްގައެވެ. މާވަށު ޓީމުގެ މުހައްމަދު ފާރިޝް ހަސަން ވަނީ މި ފުރުސަތުގެ ބޭނުން ހިފާ، ކަލައިދޫގެ ގޯލު ފޫއަޅުވާލައި މާވަށަށް މެޗުގެ ސުން ކަނޑުވައިދީފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާވަށު ޓީމަށް މޮޅުކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިން މުހައްމަދު ފާރިޝް ހަސަންއެވެ. މިއީ މާވަށު ޓީމަށް މުބާރާތުގައި ލިބުނު މުހިންމު މޮޅެކެވެ.


ކިޔުންތެރިންގެ ހިޔާލު