ގޯލްޑަން ފުޓްސެލް ޗެލެންޖް 2025 ގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުގައި ލ. މުންޑޫއާއި ލ. ކުނަހަންދޫ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކުނަހަންދޫ ކާމިޔާބުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު ކުނަހަންދޫއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު އެޓީމުގެ ޝަހީމް އަބްދުލް ގާދިރު ވަނީ ލަނޑެއް ޖަހައި ކުނަހަންދޫއަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށްފަހު ވެސް ކުނަހަންދޫއިން ދިޔައީ މުންޑޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ފުރަތަމަ ގޯލް ޖެހިތާ މާގިނަ އިރުތަކެއް ނުވެ، ކޯނަރަކުން ލިބުނު ފުރުސަތެއްގެ ބޭނުންހިފާ ޝަހީމް ވަނީ އިތުރު ލަނޑެއް ޖަހައި ކުނަހަންދޫގެ ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފު ފަށައިގެން މުންޑޫއިން ކުޅުން ރަނގަޅުކުރަން މަސައްކަތް ކުރި ނަމަވެސް، ކުނަހަންދޫއިން ވަނީ އެޓީމަށް ލިބުނު ހުސް ފުރުސަތެއްގައި އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު އަޙަނަފްއެވެ. މި ލަނޑާއެކު މެޗުގެ ކޮންޓްރޯލް އެއްކޮށް ކުނަހަންދޫއަށް ލިބިގެންދިޔައެވެ.
މުންޑޫއަށް މެޗުގައި ޖެހުނު ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ. މުންޑޫގެ ކުޅުންތެރިއަކު ކުނަހަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، މުންޑޫގެ އިބްރާހިމް ނަޒީލް ވަނީ ކާމިޔާބުކޮށްފައެވެ. ނަޒީލް މި ލަނޑު ޖެހުމާއެކު ރެފްރީ ވަނީ މެޗު ނިމުނުކަމުގެ ފަހު ކަަށިގަނޑު ފުމެފައެވެ.
މި މެޗްގެ މޮޅުކުޅުންތެރިޔާއަށް ހިފިފައިވަނީ ލ. ކުނަހަންދޫ ޓީމުގެ އަޙްމަދު ނާޒިލްއެވެ.
މި މޮޅާއެކު ކުނަހަންދޫއަށް މުބާރާތުގައި ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބިގެންދިޔައިރު، މުންޑޫއަށް ޖެހޭނީ ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ރަނގަޅު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާށެވެ. ގޯލްޑަން ފުޓްސެލް ޗެލެންޖަކީ ރާއްޖޭގެ ރަށްތަކުގެ މެދުގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް ފުޓްސެލް މުބާރާތެވެ.


ކިޔުންތެރިންގެ ހިޔާލު