ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފޯރިގަދަ ގޯލްޑަން ފުޓްސެލް ޗެލެންޖުގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުން ލ. ގަން ބަލިކޮށް ލ. އިސްދޫއިން މުހިންމު މޮޅެއް ހޯދައިފިއެވެ. ލާމު އަތޮޅުގެ ގަދަ ދެ ބާރުގެ މެދުގައި ކުޅެވުނު މި މެޗު އިސްދޫއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ލ. ގަމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާމިސްއެވެ. ނަމަވެސް، ގަމުން ލީޑު ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް، އިސްދޫ ޓީމުގެ ކެޕްޓަން އަލީ ހުމޭޒް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މި ނަތީޖާއާއެކު ދެ ޓީމުންވެސް ވަރަށް ވާދަވެރި އަދި ވަރުގަދަ ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗު ނިމެން ގާތްވެފައި ވަނިކޮށް އިސްދޫއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ ހުސެއިން އަފްހާންއެވެ. އިސްދޫއިން މެޗުގެ ކޮންޓްރޯލް ނަގައި، އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލީ މީސާގު އީސާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު، މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ ‘މޭން އޮފް ދަ މެޗް’ ގެ މަގާމު ހޯދީ އިސްދޫ ޓީމުގެ އަލީ މީސާގު އީސައެވެ.
ލ. އިސްދޫއަކީ އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސެލް މުބާރާތުގެ ލާމު އަތޮޅު ޗެމްޕިއަން ޓީމެވެ. އަދި ލ. ގަމަކީވެސް މީގެ ކުރިން މި މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ހޯދާފައިވާ، ފުޓްސެލްގައި ކާމިޔާބު ޓީމެއްކަން ފާހަގަކޮށްލެވެއެވެ. މި މޮޅާއެކު އިސްދޫއިން ވަނީ މުބާރާތުގައި އެ ޓީމުގެ ބާރުގަދަކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު