2 އަހަރާ 8 މަސްފަހުން ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ޢަލީ އަޝްފާޤު ނިކުމެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު ދިރާގު ދިވެހިލީގުގައި ނިއުރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ 80 ވަނަ މިނެޓް ތެރޭގައި ޢަޝްފާޤު ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއް ގޮތުގައެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެންމެ ފަހުން ކުޅުނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. 2023 ވަނަ އަހަރު އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ދިވެހިލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި އީގަލްސް ކުޅުނު މެޗަށް ފަހު ދަގަނޑޭ ފުރަތަމަ ޑިވިޝަނުގެ މެޗަކުން ފެނިފައިނުވެއެވެ. މިއަހަރު ސީޒަނަށް ނިއުރޭޑިއަންޓް ވަރުގަދަކުރުމުގެ ގޮތުން މީގެ ހަމަސް ކުރިން ނިއުއާ ގުޅުނު ދަގަނޑޭ ފުރަތަމަކޮޅު ފެނުނީ ބެންޗުންނެވެ. ނަމަވެސް އޭގެ ފަހުން ކަކުލުގެ އޮޕަރޭޝަނެއް ކޮށްގެން ކުޅުމާ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފެށީ މި ޑިސެމްބަރ މަހުއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން 3 ލަނޑު 0 ލަނޑުން ބުރު ބަލިކޮށް ނިއު ވަނީ 23 ޕޮއިންޓާއެކު ތިން ވަނަޔަށް ޖެހިލާފައެވެ. މި މެޗުގައި ނިއު ޓީމުން ބަދަލުތަކެއް ފެނުނެވެ. އެގޮތުން މި ޓްރާންސްފަރ ނިއު އާ ގުޅުނު ނައިޖީރިޔާގެ އަލްހާޖީ ޖެރޮ އާއި ގޯލް ކީޕަރ އަހްމަދު ސަމީރު ފުރަތަމަ 11 އިން ފެނުނެވެ.
ނިއުގެ ފުރަތަމަ ގޯލު ޢަލީ ފާސިރު ( ސެންޓޭ ) ޕާހަކުން 25 ވަނަ މިނެޓްގައި ޖެހީ ޙަސަން ރާއިފް ( ހަންނަ އެވެ. ދެވަނަ ގޯލާއި ތިން ވަނަ ގޯލު ޖެހީ ފަހުހާފުގައި ޢަލީ ފާސިރު ( ސެންޓޭ )އެވެ.
ދިރާގު ދިވެހިލީގުގެ 12 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު ، މާޒިޔާ އަށް 34 ޕޮއިންޓް ލިބިފައިވާއިރު 28 ޕޮއިންޓާއެކު އޮޑިއަށް ލިބެނީ ދެވަނައެވެ. 23 ޕޮއިންޓާއި އެކު ނިއު ތިންވަނާގައި އަދި ބުރު ހަތަރު ވަނައިގައި އޮތީ 20 ޕޮއިންޓާއެކުއެވެ. 5 ވަނައިގައި އޮތް ވިކްޓަރީއަށް 19 ޕޮއިންޓް ލިބިފައިވާއިރު ، 16 ޕޮއިންޓް ލިބިގެން އީގަލްސް އޮތީ ހަވަނައިގައެވެ. ޓީސީ އަށް 9 ޕޮއިންޓް އަދި ގްރީންއަށް 8 ޕޮއިންޓް ލިބިފައިވާ އިރު ފުލުގައި އޮތް ވެލެންސިޔާ އާއި ޔުނައިޓެޑް ވިކްޓަރީއަށް ލިބިފައިވަނީ 7 ޕޮއިންޓެވެ.
ދެން އެންމެ އަވަހަށް ކުޅޭނީ 4 ޖެނުއަރީ 2026 ވާ ހޮނިހިރު ދުވަހު ހަވީރު މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރާ މެޗެވެ.


ކިޔުންތެރިންގެ ހިޔާލު