މީގެ 21 އަހަރު ކުރިއެވެ. އެ ދުވަހު އެރި އިރާއެކީ ދިވެހިން ނިދިން ހޭލައްވާލީ ބިން ހެލުމަކާއެކުގައެވެ. އެއަށްފަހު ދިވެހީންނަށް ކުއްލި ސިހުމެއް ގެނުވީ ރާއްޖޭގެ ރަށްތަކެއް ސުންނާފަތިކޮށްލި ސުނާމީއެވެ. އެ ހަނދާންތައް މިއަދު ވީ ކަމެއްގެ ގޮތުގައި ގިނަ ބައެއްގެ ހަނދާނުގައި އެބަހުއްޓެވެ.
ޑިސެމްބަރު 26، 2004ގައި އިންޑޮނޭޝިއާގެ ސުމާޓްރާއަށް އައި ބާރުގަދަ ބިންހެލުމާއެކު އެރި ސުނާމީގެ އަސަރު އޭޝިއާގެ ގިނަ ގައުމުތަކަށް ކުރިއެވެ. އޭގެ ތެރޭގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ކުޑަކުޑަ ދިވެހިރާއްޖެ ވެސް ހިމެނެއެވެ.
އެ ކާރިސާ ވެގެންދިޔައީ ރާއްޖޭގެ ތާރީހުގެ ވެސް އެންމެ ބޮޑު ކާރިސާއަށެވެ. އެ ކާރިސާގައި ރާއްޖޭން 26 މީހަކު ގެއްލި، 82 މީހަކު ނިޔާވިއެވެ. އެތައް ބައެއްގެ ގެދޮރު ގެއްލި، ސުނާމީގައި ބޮޑެތި ގެއްލުންތަކެއްވި ހަތަރު ރަށެއް ފަޅު ރަށްތަކަށް ވެގެންދިޔައެވެ.
ކަނދޮޅުދޫގެ އެތައް ބަޔަކު ތުއްތު ކުދީންނާއެކު ގޭގޭގެ ފުރާޅުތައް މައްޗަށް!
ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ރ.ކަނދޮޅުދޫއެވެ. އެ ރަށަކީ ބިންކުޑަ ރަށަކަށް ވުމުން އެރަށުގައި ދިރިއުޅުނު 3600 މީހުން ދިރިއުޅެމުންދިޔަ ގޯތިތައް ވެސް ވެގެންދިޔައީ ވަރަށް ކުދިކުދި ގެތަކަށެވެ. ގޯޅިތައް ވެސް އެހާމެ ހަންޏެވެ. ގޯޅިއެއް، ގެއެއް ވަކިކުރަން އުނދަގުލެވެ.
އެއީ ސްކޫލް ބަންދު ކަމަށްވުމުން، މާލޭގައި އުޅުނު އެ ރަށަށް އުފަން ގިނަ ބަޔަކު ވެސް އެ ދުވަސްކޮޅު ހޭދަކުރަމުންދިޔައީ ރަށުގައި އާއިލާއާއެކުގައެވެ. ބިންހެލުމަށްފަހު ކަނދޮޅުދުއަށް ސުނާމީ އެރީ އެ ދުވަހުގެ ހެނދުނު 9:30 ހާއިރެވެ. އެރަށު މީހުން ސިފަކުރާ ގޮތުގައި އެދުވަހު އެ ދުވަހަކީ އެ ރަށުގައި ތިބި ކުދިބޮޑު އެންމެންނަށް ނާމާން ދުވަހެކެވެ. އެ ރަށަށް ރާޅު އެރީ ހަތަރު ފަރާތުންނެވެ. ރަށު ތެރެއަށް ފެތުރިގެންދިޔަ ފެންގަނޑު، މީހުންގެ ކަރާ ހަމައިގައި ހުއްޓެވެ.

ރ. ކަނދޮޅުދުއަށް ސުނާމީ އެރުން
އެ ރަށުގެ އެތައް ބަޔަކު އެ ދުވަހު ސަލާމަތްވުމަށް ތުއްތު ކުދިންނާއެކު ފުރަތަމަ އެރީ ގޭގޭގެ ފުރާޅުތައް މައްޗަށެވެ. ބައެއް މީހުން ގޭގޭގެ ތެރޭގައި ތާށިވެފައި ވެސް ތިއްބެވެ. ނުކުމެވޭނެ ގޮތެއް ވެސް ނެތިފައެވެ. އެމީހުން ސަލާމަތްކުރުމަށް އެރަށުގެ އެހެން މީހުން އެހީތެރިވެދިނެވެ.
އެ ރަށުގެ ހަތަރު ފަރާތުން އެރި ރާޅުތައް މައިތިރިވީ އެ ރަށުގެ ހުކުރު މިސްކިތާ ހަމައިންނެވެ. އެ މިސްކިތުގެ ތެރޭގައި އިވެމުންދިޔައީ މީހުންގެ ރުއިމާއި ތަކުބީރުގެ އަޑުތަކެވެ. ކަނދޮޅުދޫ މީހުން ރަށް ދޫކޮށް ދިޔައީ ތިންވަނަ ރާޅެއް އަރަން އުޅޭ ކަމުގެ ހަބަރާއެކުއެވެ. އެމީހުން ސަލާމަތް ނުވާނެކަމުގެ ބިރާއެކުއެވެ. އެ ކާރިސާގައި އެ ރަށުން ތިން މީހަކު މަރުވިއެވެ.
މުޅި ރަށް ވީރާނާ ވެގެންދިޔަ އެ ކާރިސާއާ ގުޅިގެން ސަރުކާރުން އެ ރަށުގެ މީހުން އާބާދުކުރީ އޭރު ފަޅުރަށެއްގެ ގޮތުގައި އޮތް ރ. ދުވާފަރުގައެވެ. ކަނދޮޅުދޫގެ އާއިލާތައް މިހާރު ދުވާފަރުގައި އުޅެމުންދަނީ އުފާވެރިކަމުގައެވެ. ސަރުކާރުން އޭރު އަޅައިދިން ގެދޮރުތަކުގައެވެ. އެ ރަށުން އަސާސީ ހުރިހާ ހިދުމަތެއް ލިބެއެވެ.

ސުނާމީއާއެކު ތ.ވިލުފުށި އަލުން އިމާރާތްކުރަން ޖެހުނު، މ.އަތޮޅަށް ވެސް ގެއްލުންތަކެއް!
ސުނާމީގައި ކަނދޮޅުދުއަށްފަހު ދެން އެންމެ ބޮޑު ގެއްލުމެއް ލިބިގެންދިޔަ އެއް ރަށަކީ ތ. ވިލުފުއްޓެވެ. އެ ކާރިސާގައި ވިލުފުށި އަލުން އިމާރާތްކުރަން ޖެހޭ ހާލަތަށް ދިޔައެވެ. ގެތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެގެންދިޔައެވެ.
ވިލުފުއްޓަށް ސުނާމީ އަރައިގެން ދިޔައީ ގަސްތަކުގެ މަތިން 12 ފޫޓުގެ އުސް ރާޅަކާއެކުއެވެ. ގަސްތައް މުލުން ލުހި، ގޭގެ ފާރުތައް ވެއްޓި، ކުނިބުނިތައް ރަށުތެރެއަށް ދެމިގަތެވެ. އެ ކާރިސާގައި ގެނބިގެން އެ ރަށުން 18 މީހަކު މަރުވިއެވެ.
މިހާރުގެ ވިލުފުއްޓަކީ އޭރު ފެންނަން އޮތް ވިލުފުއްޓެއް ނޫނެވެ. ސުނާމީއަށްފަހު އެ ރަށުގެ މީހުން ވަގުތީ ހިޔާވަހިކަމަށް ގެންގޮސް މުޅި ރަށް އިމާރާތްކުރިއެވެ. ސަރުކާރުން އޭރު ވަނީ އެރަށުގެ ބިން ވެސް ބޮޑުކޮށްފައެވެ. އަދި ސަރުކާރުން ވަނީ އެ ރަށުގެ ރައްޔިތުންނަށް ގެދޮރު އަޅައިދީ، އަސާސީ ހިދުމަތްތައް ހޯދޭނެ މަގުފަހިކޮށްދީފައެވެ. މިއަދު އެ ރަށް ފެނިގެންދަނީ ތަރައްގީ ރަށެއްގެ ގޮތުގައެވެ.
ސުނާމީގައި އެންމެ ބޮޑު ގެއްލުންތަކެއްވީ އަތޮޅުތަކުގެ ތެރޭގައި މ. އަތޮޅު ހިމެނެއެވެ. އެ ކާރިސާގައި މ.މަޑިފުއްޓާއި ކޮޅުފުއްޓާއި މުއްޔާއި ނާލާފުއްޓާއި ދިއްގަރަށް ވެސް ގެއްލުންތަކެއްވިއެވެ. އެ ކާރިސާއާއެކު މަޑިފުށި ފަޅު ރަށަކަށް ބަދަލުވެގެންދިޔައެވެ.
ސުނާމީ ކާރިސާގެ ކުރިން މަޑުފުއްޓާއި ރަތްމަންދޫއާ ދެމެދުގައި ކުރީއްސުރެ އޮންނަ 600 އަކަފޫޓުގެ ފުޅާމިން ހުންނަވަރުގެ މޫދު ވަނީ ވެލިއަޅާ ހިއްކައި، ދެ ރަށް ގުޅުވާލައިފައެވެ. އެއާއެކު އެއް ރަށުން އަނެއް ރަށަށް ދެވޭ ފަދަ ބޮޑު މަގަކުން ދެ ރަށް ވަނީ ގުޅާލެވިފައެވެ.
ސުނާމީއާއެކު ރާޅު އައި ބާރު މިނުގައި ދިޔައީ އިމާރާތްތައް ފުނޑުފުނޑުކޮށް ވައްޓައި، ގެދޮރުގައި ހުރި ތަކެއްޗާ ވެސް އެކުގައެވެ. މަޑިފުށި މީހުން އޭރު ސަލާމަތްވުމަށް ދިޔައީ އެރަށާ ގުޅާލެވިފައިވާ ރަތްމަންދޫއަށެވެ. ސުނާމީގެ ރާޅުތައް އެރިތާ ކުޑަ ވަގުތުކޮޅަކަށް ފަހު ދެ ރަށް ގުޅުވާލުމަށް ހެދި މަގު ވެސް ވަކިވެގެންދިޔައެވެ. އަލުން ކުރިން އޮތް ގޮތަށް ދެ ރަށް ވަކިވެގެންދިޔައެވެ.
ސުނާމީއަށްފަހު މަޑިފުށީ މީހުން ވަގުތީގޮތުން ދިރިއުޅެމުންދިޔައީ ރަތްމަންދޫ މީހުންގެ ހިޔާވަހިކަމުގެ ދަށުގައެވެ. އެއް މަސްދުވަހު ރަތްމަންދޫ މީހުންގެ އޯގާތެރިކަމާއެކު އެ ރަށުގައި ތިބުމަށްފަހު މަޑިފުށީ މީހުން ވަޒަންވެރިވީ އދ. މާމިގިލީގައެވެ.

ސުނާމީ ކާރިސާގައި އެންމެ ގިނަ މީހުން ނިޔާވީ މ.އަތޮޅުންނެވެ. އެ އަތޮޅުން ވަނީ 34 މީހަކު ނިޔާވެފައެވެ. ލ.އަތޮޅުން 25 މީހަކު ނިޔާވިއިރު، ތ.އަތޮޅުން 19 މީހަކު ނިޔާވިއެވެ. އަދި ދ.އަތޮޅުން 13 މީހަކު ނިޔާވިއެވެ. އެންމެ ގިނަ މީހުން ނިޔާވީ ތ.ވިލުފުށިންނެވެ. އެ ރަށުން 18 މީހަކު ނިޔާވިއިރު، މ.ކޮޅުފުށިން 16 މީހަކު ނިޔާވިއެވެ.
ނިޔާވި މީހުން ނިސްބަތްވާ ރަށްރަށް
- ތ. ވިލުފުށިން 18 މީހުން
- މ. ކޮޅުފުށިން 16 މީހުން
- ދ. ގެމެންދޫއިން 8 މީހުން
- ލ. މުންޑޫއިން 7 މީހުން
- ލ. އިސްދޫ ކަލައިދޫއިން 6 މީހުން
- މ. މަޑުއްވަރީއިން 6 މީހުން
- މ. މުލީއިން 6 މީހުން
- ކ. ގުރައިދޫއިން 4 މީހުން
- ލ. ފޮނަދޫއިން 4 މީހުން
- ރ. ކަނދޮޅުދޫއިން 3 މީހުން
- ލ. މާބައިދޫއިން 3 މީހުން
- ލ. ކަޅައިދޫއިން 3 މީހުން
- ލ. ދަނބިދޫއިން 2 މީހުން
- ދ. ރިނބުދޫއިން 2 މީހުން
- މ. މަޑިފުށިން 2 މީހުން
- ގދ. ވާދޫއިން 2 މީހުން
- ވެލާވަރު ރިސޯޓުން 2 މީހުން
- މ. ދިއްގަރުން އެކަކު
- މ. ނާލާފުށިން އެކަކު
- މ. މުލަކުން އެކަކު
- ހދ. ނާވައިދޫއިން އެކަކު
- ށ. ކޮމަންޑޫއިން އެކަކު
- ކ. ގުޅިން އެކަކު
- ތ. މަޑިފުށިން އެކަކު
- އދ. ވައިޓް ސޭންޑުން އެކަކު
- ވ. ތިނަދޫއިން އެކަކު
- ހަކުރާ ކުލަބުން އެކަކު
- ދ. ވާނީއިން އެކަކު
- ގއ. ދާންދޫއިން އެކަކު
- ގއ. ވިލިނގިލިން އެކަކު
- ޏ. ފުވައްމުލަކުން އެކަކު
އެ ރަށްތަކުގެ އިތުރުން ސުނާމީގައި ބޮޑެތި ގެއްލުންތަކެއްވީ ރަށްތަކުގެ ތެރޭގައި ލ.މުންޑޫ، ލ.ކަޅައިދޫ، ލ.ދަނބިދޫ، ދ.ގެމެންދޫ، ދ.ރިނބުދޫ، ތ.މަޑިފުށި ހިމެނެއެވެ. ސުނާމީއާއެކު ރ.ކަނދޮޅުދޫ އާއި، މ.މަޑިފުއްޓާއެކު ދ.ގެމެންދޫ އަދި ލ.ކަޅައިދޫ ފަޅުރަށްތަކަށްވިއެވެ.
ސުނާމީ ކާރިސާގައި ދިވެހިންގެ ފަރާތުން ފެނުނު އެންމެ މުހިންމު އެއް ކަމަކީ އެއްބައިވަންތަކަމެވެ. އެހެންކަމުން ސަރުކާރުން ވަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 އަކީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ހަމަޖައްސައިފައެވެ. އެ ދުވަހާއެކު ހާލުގައި ޖެހިގެން ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ދިވެހީން ފޯރުކޮށްދިން އެހީތެރިކަން އެމީހުން ވެސް ނުހަނު އުފަލާއެކު ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު