Advertisement

ބްރޫނޯ ފެނާންޑޭޒްއަށް އަނިޔާވެ ކުޅުމާ ދުރަށް

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރޫބެން އަމޮރިމް ބުނާގޮތުގައި ގޮތުގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ މަގާމު ފޫބެއްދުމަކީ މުސްތަހީލު ކަމެކެވެ. ނަމަވެސް، ޕޯޗުގަލްގެ މި މިޑްފީލްޑަރު ނެތްތަން ފޫބެއްދުމަކީ އެހެން ކުޅުންތެރިންނަށް ކުރިއަށް އަރައި ހުނަރު ދައްކާލަން ލިބޭ ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.

ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަމޮރިމް ބުނީ، “ބްރޫނޯގެ މަގާމު ފޫބެއްދުމަކީ މުސްތަހީލު ކަމެއް،” ކަމަށާއި، “ވަރަށް ގިނަ ކުޅުންތެރިން މިވަގުތު އަމިއްލަ ޒިންމާ ނަގަންޖެހޭ،” ކަމަށެވެ.

Advertisement

އާދީއްތަ ދުވަހު އެސްޓަން ވިލާ އަތުން 2-1 އިން ޔުނައިޓެޑް ބަލިވި މެޗުގެ ހާފް ޓައިމްގައި ފެނާންޑޭޒް ބަދަލުކުރަން ޖެހުނީ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. މިއާއެކު، ޓީމުގެ ކުޅުން ބައްޓަންކުރުމާއި ހިލޭ ޖެހުންތައް ރޭވުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ކުޅުންތެރިޔާ ނުލައި ކުޅެން ޔުނައިޓެޑަށް ވަނީ މަޖުބޫރުވެފައެވެ.

‘ދަ ޓައިމްސް’ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެނުއަރީ 17 ގައި އޮންނަ މެންޗެސްޓަރ ޑާބީ މެޗަށް ފެނާންޑޭޒް ފިޓްވާނެ ކަމުގެ އުންމީދު ޔުނައިޓެޑުން ކުރެއެވެ. ނަމަވެސް، އަމޮރިމް ވަނީ އަނިޔާގެ ތަފްސީލާ ބެހޭގޮތުން ވާހަކަދައްކަން އިންކާރުކޮށްފައެވެ. އެކަމަކު އޭނާ ނެތުމުން އުފެދޭ ހުސްކަން އަމޮރިމް ގަބޫލުކުރެއެވެ.

“އެއީ ހަމައެކަނި ފުރުސަތުތައް ތަނަވަސްކޮށްދިނުމެއް ނޫން. ކޮންމެ ސެޓް-ޕީސްއެއްގައި ވެސް ޓީމު އިންތިޒާމުކުރަނީ އޭނާ. މިއީ ހުރިހާ ކަމެއްގައި އެންމެ ކުޅުންތެރިއަކަށް ބަރޯސާވެގެން ނުތިބެވޭނެކަން ދަނެގަނެ، އެހެން ކުޅުންތެރިންނަށް ކުރިއަށް އަރަން ލިބޭ ރަނގަޅު ފުރުސަތެއް. ބައެއް ފަހަރު ޓީމު ރޭވުމަށާއި ފުރުސަތު އުފެއްދުމަށް އަހަރެމެންނަށް ބްރޫނޯއަށް މާ ބޮޑަށް ބަރޯސާވެވޭ،” އަމޮރިމް ބުންޏެވެ.

“ސެޓް-ޕީސްތަކުގައި އަހަރެމެންނަށް ބްރޫނޯ، ބްރަޔަން [އެމްބެއުމޯ] އަދި އަމަދު [ޑިއާލޯ] ގެއްލިއްޖެ. މިއީ ޓީމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަކު މިއީ އެހެން ކުޅުންތެރިންނަށް ކުރިއަށް އަރައި، ޓީމަށް ބޭނުންވާ ލީޑަރޝިޕް ދެއްކުމަށް ލިބޭ ފުރުސަތެއް.”

އެމްބެއުމޯ އާއި ޑިއާލޯ މިވަގުތު ތިބީ 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ކެމަރޫން އަދި އައިވަރީ ކޯސްޓް ގައުމީ ޓީމާއެކުގައެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފެނާންޑޭޒްއަށް ވުރެ ގިނަ ފުރުސަތު ތަނަވަސްކޮށްދިން އެހެން ކުޅުންތެރިއަކު ނެތެވެ. އެހެންކަމުން ޔުނައިޓެޑްގެ މިޑްފީލްޑަށް ބަދަލުތަކެއް ގެންނަން ޖެހޭއިރު، ޒުވާން ކުޅުންތެރިޔާ ކޯބީ މައިނޫ ވެސް މި މެޗުގައި ނުކުޅޭނެކަން އަމޮރިމް ވަނީ ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް