ޝައިޚް މުހައްމަދު އިބްރާހީމަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އާންމުންގެ އެހީތެރިކަން ހޯދުމަށް ފަށާފައިވާ މަސައްކަތަށް އަމާޒުކުރި ފައިސާގެ އަދަދު 24 ގަޑިއިރުވުމުގެ އެތަށް ގަޑިއިރެއްކުރިން ހަމަވެފައިވާ އިރު، މިހާތަނަށް 4078264 ރުފިޔާއަށްވުރެ ގިނަ ފައިސާ ޖަމާކޮށްދީފައިވާކަމަށް މިކަން އިންތިޒާމުކުރި ފަރާތުން ހާމަކޮށްފިއެވެ.
ޝައިޚްގެ ދެ ލޮލުގެ ފެނުން ގެއްލިފައިވާ އިރު، އެކަމަށް ފަރުވާ ހޯދުމަށް “އެހީ” ޖަމިއްޔާއިން “އެދިހަ” ޕޯޓަލް މެދުވެރިކޮށް ފަންޑުފެށިއެވެ. ފަރުވާގެ ފުރަތަމަ ދަތުރަށް 20,000 ޑޮލަރު (400,000 ރުފިޔާއަށްވުރެ ގިނަ) ބޭނުންވާކަމަށް އެ ޖަމުއިއްޔާއިން ބުނެފައި ވެއެވެ. އެ ޖަމައިންޔާއިން އިއްޔެކުރި ޕޯސްޓެއްގައި ބުނީ މި އަދަދަށް ފައިސާ ލިބިއްޖެކަމަށްވާ ނަމަ، ދިވެހި މުޖުތަމައުގައި ދީނީ އިލްމު ފެތުރުމުގައި އަގުނުކުރެވޭ ފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޝައިޚްގެ ލޮލުގެ ފަރުވާ ކުރިއަށް ގެންދެވި، ފަރުވާއިން ލޮލަށް ފެންނާނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށެވެ.
ޝައިޚް މުހައްމަދު އިބްރާހީމް އަކީ މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސެއްގެ ގޮތުގައި 17 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ލޮލަށް ދިމާވި މައްސަލަތަކާ ގުޅިގެން ވަޒީފާއާ ދުރުވެފައިވީ ނަމަވެސް، އެކި ހާލަތްތަކުގައި ދަރުސް ދެއްވައި، އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، “މަގޭ ސުވާލަކީ” ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދަވައެވެ. އެހެންކަމުން، ދިވެހި ރައްޔިތުންގެ ފަރާތުން މިފަދަ އަވަސް އެއްބާރުލުމެއް ލިބުމަކީ ދީނީ އިލްމުވެރިންނަށް ދިވެހިންގެ ހިތްތަކުގައި އޮތް އިހުތިރާމާއި ލޯބީގެ ރަމްޒެކެވެ.
އަޅުގަނޑުމެން އެންމެގެން އުންމީދަކީ އަދި ދުޢާއަކީވެސް ދީނީ އިލްމުވެރިޔާ ޝައިޚް މުހައްމަދު އިބްރާހީމަށް އަވަހަށް ފަރުވާލިބި ، ޝެއިޙްގެ ދެ ލޮލުގެ ފެނުން އަބުރާ ލިބިގެން ދިއުމެވެ.


ކިޔުންތެރިންގެ ހިޔާލު