Advertisement

ފުލުހެއްގެ 11 މަހުގެ ތުއްތު ދަރިފުޅު “ކޮށާލާނެ” ކަމަށް ބުނި މީހަކު ޖަލަށް

އެންމެ 11 މަހުގެ ތުއްތު ކުއްޖަކު، “ކޮށާލާނެ” ކަމަށް ބުނެ އިންޒާރުދިން މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ، ލ. ގަން ތުނޑި / އަސުރުމާގެ ހުސައިން ރިޒުސާންގެ މައްޗަށް ދައުލަތުން ކުރި، މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ މައްސައެވެ.

Advertisement

މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ނިންމި މި މައްސަލައިގެ ރިޕޯޓުގައިވާ ގޮތުން، ހުސައިން ރިޒުސާންވަނީ، މި އަހަރުގެ އޭޕްރީލް މަހު 18 ވަނަ ދުވަހު މެންދުރު، ތައިބާ މިސްކިތް ކައިރިން، ފުލުހަކު އޭނާގެ އެންމެ 11 މަހުގެ ދަރިފުޅު ގޮވައިގެން ހުއްޓައި، އެތަނަށް ގޮސް، “ދެ މީހުން ތިތިބީ ކައިރީގައި ނޫންހޭ، ދެ މީހުން އެއްކޮށް ކޮށާލާނަމޭ” ބުނެ އިންޒާރު ދީފައެވެ.

ހުސައިން ރިޒުސާން މިހެން ބުނެ އެތަނުގައި ހަމަ ނުޖެހުން ހިންގިއިރު، އޭނާގެ އަތުގައި ކަޓަރު ތިލައެއްވެސް އޮތްކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ޝަރިއަތުގައި ހުސައިން ރިޒުސާން ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ. އިއުތިރާފު އެއްބަސްވުން ހެދުމުން، ހުސައިން ރިޒުސާންގެ މައްޗަށް އިއްވާފައިވަނީ ލުއި ހުކުމެވެ.

މި މައްސަލައިގައި، ދައުލަތުން ކުރި، މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ އަދަބަކަށް، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީ އިއްވާފައިވާ ހުކުމަކީ، އެއް އަހަރާއި ހަ މަހުގެ މުއްދަތަށް ޖަލަށް ލުމެވެ. އަދި ދައުލަތުން ކުރި، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ހުކުމަކަށް އިއްވާފައިވަނީވެސް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.

ރިކޯޑްތަކުން ދައްކާ ގޮތުގައި ހުސައިން ރިޒުސާންގެ މައްޗަށް ދައުލަތުން ކުރިންވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއެއްވެސް ކޮށްފައެވެ. އެކަމަކު، 2020 ވަނަ އަހަރު، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އެ މައްސަލައިގައި ހުކުމް ކުރައްވާފައިވަނީ އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ސާބިތުވި ނަމަ، ހުސައިން ރިޒުސާންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް