އެމްޑީޕީގެ ވަގުތީ ޗެއާޕާސަންއެއް ހޮވަން ރޭގައި ބޭއްވި އެމްޑިޕީ ޤަޢުމީ މަޖްލިސް ޖަލްސާގައި ވޯޓު ގުނުން އޮޅުވާލަން އެޕާޓީގެ ޑެޕިޔުޓީ ޗެއަރ އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) މަސައްކަތް ކުރި ކަމުގެ ތުހުމަތު ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުން ކޮށްފިއެވެ.
ވޯޓު ގުނުމުގައި މަކަރު ހަދައި، ވޯޓުގެ އަދަދު އިއުލާނު ކުރުމުގައި ވެސް ޑެޕިޔުޓީ ޗެއަރ އިބްރޭ ވަނީ ސައްޙަ ނޫން ބޮޑު އަދަދުތަކެއް ކިޔައި ވޯޓު އޮޅުވާލަން މަސައްކަތް ކޮށްފައިކަމަށް އެމްޑީޕީގެ ޤަޢުމީ މަޖްލީހުގެ ބައެއް މެންބަރުންތަކެއް ހަވާސާ ނޫހަށް ވަނީ މަޢުލޫމާތު ދީފައެވެ. އެއާއިއެކު ޤަޢުމީ މަޖްލީސް ކުރިއަށް ގެންދިޔަ ތަނުގެ މަސްލަހަތު ގެއްލި، ގިނަ ބަޔަކު ތަން ދޫކޮށް ނުކުތުމުން ޖަލްސާގެ ކޯރަމް އަދި ނިޒާމު ގެއްލި ވޯޓު ލުން ވެސް ހުއްޓުނުކަމުގައި އެމެމްބަރުން ވިދާޅުވިއެވެ.
ޑެޕިޔުޓީ ޗެއަރ އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) ވޯޓު ގިނަކޮށްގެން ނަތީޖާ އިއުލާން ކުރީ، ކުރީގެ ދިއްދޫ ދާއިރާގެ މަޖިލީސް މެމްބަރު ވައްޑެއަށް ލިބުނު ވޯޓުގެ އަދަދެވެ. 96 މެމްބަރުންގެ ތެރެއިން ވައްޑެއަށް 47 ވޯޓު ލިބުންކަން އެމްޑީޕީގެ ޑެޕިޔުޓީ ޗެއަރ އިބްރޭ އިއުލާން ކުރިކަމަށް ވެއެވެ. ނަމަވެސް އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) އަށް ލިބުނު ވޯޓު ކަމަށް ވީޑިޔޯ އޮޑިޓުން ފެންނަނީ 36 ވޯޓެވެ. ތަކުރާރުކޮށް ވޯޓު ލިބުނު އަދަދަށް ވުރެ ގިނައިން އެކި އަދަދު އިއުލާން ކުރުމުން ތަނުގެ އަޑު ގަދަވެ މަސްލަހަތު ގެއްލިގެން ދިޔައެވެ.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަށް ކުރިމަތިލީ އަސްލަމާއި، ވައްޑެއާއި، މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަބޯ)އެވެ.
ޑެޕިޔުޓީ ޗެއަރ އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) ވަނީ އަސްލަމްގެ ނަން ވޯޓަށް އެހުމަށް ދެކޮޅު ހަދާފައެވެ. އެއީ އޭނާއަކީ ޤައުމީ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް ބުނެއެވެ. ނަމަވެސް އެއީ ޕާޓީގެ އެއްވެސް ގަވާއިދަކަށް ރިއާޔަތް ކޮށް މަދަނަ އިބްރޭ ނިންމި ނިންމުމެއް ނޫނެވެ. އެއަށްފަހު ވޯޓަށް އެހީ ވައްޑެއާއި އަސްލަމްއާއި ދެމީހުންގެ ނަމެވެ.


ކިޔުންތެރިންގެ ހިޔާލު