ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުންގެ ދައުރު މުހިންމުކަން ފާހަގަކުރެވޭއިރު، އެފަރާތްތަކުގެ ޤާބިލިއްޔަތު ފުރިހަމައަށް ބޭނުންކުރުމަށްޓަކައި އެކަށީގެންވާ އިންވެސްޓެއް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ދުންޔާ މަޢުމޫން ވިދާޅުވެއްޖެއެވެ. އަންހެނުން ބާރުވެރިކުރުވުމަކީ، ހަމައެކަނި އިންސާފުގެ މައްސަލައެއް ނޫން ކަމަށާއި އެއީ ދިގުދެމިހުންނާނެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މައިގަނޑު އަސާސެއްކަން ވެސް އެކަމަނާ ފާހަގަ ކުރިކެވެ.
ވިމެން އިން ޑިމޮކްރަސީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވެފައިވަނީ އަންހެނުންގެ ލީޑަރޝިޕް ކުރިއަރައިގެން ދާނީ އެފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަން ލިބިގެންދާނަމަ ކަމަށެވެ. މީގެ ތެރޭގައި ތަމްރީނާއި، މާލީ އެހީތެރިކަމާއި، މަސައްކަތުގެ މާޙައުލުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ފުރުޞަތުތައް ފަހިކޮށްދީގެން ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ. މިފަދަ އެހީތެރިކަމަކީ، އަންހެނުންނަށް މުޖުތަމަޢުގެ އެކި ދާއިރާތަކުގައި އިސްދައުރެއް އަދާކުރުމަށް ހިތްވަރުދީ، އެފަރާތްތަކުގެ ފުރިހަމަ ޤާބިލިއްޔަތު ބޭނުންކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމައް ދުންޔާ ވާހަކައިގައި ފާހަގަ ކުރިއެވެ. މިއީ ސަރުކާރުގެ އިތުރުން، އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކުން ވެސް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭ ދާއިރާއެއްކަން ވެސް ވަނީ ފާހަގަ ކޮއްފައެވެ.
ދިވެހި އަންހެނުންގެ ފުރިހަމަ ޤާބިލިއްޔަތު ދައްކުވައިދިނުމަށް ހުރި އިޤްތިޞާދީ އަދި އިޖްތިމާޢީ ހުރަސްތައް ނައްތާލުމަކީ މުހިންމު ކަމެއްކަމައް އެކަމަނާ ފާހަގަ ކުރެއްވި އެވެ. މި ހުރަސްތަކުގެ ސަބަބުން ގިނަ ފަހަރު އަންހެނުންނަށް ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކުން މަހުރޫމްވެއެވެ. އެހެންކަމުން، މިފަދަ ހުރަސްތައް ނައްތާލުމަށް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުން މުހިންމު ކަން ދުންޔާ ފާހަގަކުރެއްވިއެވެ. މިކަމަށްޓަކައި ސިޔާސަތުތަކާއި ޤާނޫނުތައް ހަރުދަނާކޮށް، އަންހެނުންނަށް އަމިއްލަ ވިޔަފާރިތައް ފެށުމަށް އަދި އިޤްތިޞާދީ ދާއިރާގައި ބައިވެރިވުމަށް ފަސޭހަތައް ފޯރުކޮށްދިނުމުގެ މުހިންކަން ވެސް ދުންޔާ ފާހަގަ ކުރިއެވެ.
ތަޢުލީމަކީ ބާރުވެރިކަމަށް ބަދަލުވެގެންދާ މައިގަނޑު ވަސީލަތެއް ކަމަށާއި ހަމަ އެފަދައިން، މުޖުތަމަޢުގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ، އެފަރާތްތަކަށް ބާރަކަށް ވެގެންދާނެ ކަމެއް ކަމުގައި ދުންޔާ ފާހަގަ ކުރެއްވިއެވެ. އަންހެނުންނަށް ރަނގަޅު ތަޢުލީމީ ފުރުޞަތުތައް ފޯރުކޮށްދީ، ސިޔާސީ، އިޤްތިޞާދީ، އަދި އިޖްތިމާޢީ ކަންކަމުގައި ބައިވެރިވުމަށް ހިތްވަރުދިނުމަކީ ޤައުމުގެ ކުރިއެރުމަށް ކުރެވިދާނެކަމެއްކަމައް ދުންޔާ ވިދާޅުވިއެވެ


ކިޔުންތެރިންގެ ހިޔާލު