ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެ ޕާޓީގެ ނައިބު ރައީސް ކަމަށް މުހައްމަދު ޖަމީލް އަހުމަދާއި އަދި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހޮވިއްޖެ އެވެ.
ޕީއެންއެފްގެ ލީޑަޝިޕް އަލުން އެކުލަވާލީ ރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގަ އެވެ. އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްއަކަށް މުހައްމަދު މަލީހް ޖަމާލް އަދި ޓްރެޝަރާ އަކަށް ހޮވުނީ އަހުމަދު މުސްތަފާ މުހައްމަދު އެވެ.
ލީޑަޝިޕްގެ މި މަގާމުތަކަށް އިތުރު މީހަކު ވާދައެއް ނުކުރެ އެވެ. އެހެންވެ، އޮޓޮމެޓިކުން އެ ބޭފުޅުން މަގާމަށް ހޮވިފައިވާކަން ކޮންގްރެސްގައި އިއުލާނުކުރި އެވެ.
އާޓިފިޝަލް ބީޗްގައި ބޮޑު ޓެންޓެއް ޖަހައިގެން ބޭއްވި ޕީއެންއެފްގެ ފުރަތަމަ ކޮންގްރެސްގައި ވާދަވެރި ވޯޓެއް ކުރިއަށް ގެންދިޔައީ ރަޖިސްޓްރާގެ މަގާމަށާއި ސެނެޓަށް އިންތިހާބުކުރާ 14 މީހުން ހޮވުމަށެވެ. ޕީއެންއެފްގެ ރަޖިސްޓްރާއަކަށް 219 ވޯޓުން ހޮވުނީ އަލީ ޝިނާން ނާޝީދު އެވެ. އޭނާއަށް ވާދަކުރި ނިހާދު މުހައްމަދު އަލީ އަށް ލިބުނީ 117 ވޯޓެވެ.
ސެނެޓަށް ހޮވުނު 14 މެންބަރުން:
- އާދަމް އާސިފް – 296 ވޯޓުން
- އަހްމަދު ފަޔާޒު އަލީ – 294 ވޯޓުން
- އަބްދުﷲ ސަމަދު – 279 ވޯޓުން
- ޝަރީފާ ސައީދު – 276 ވޯޓުން
- ހަލީމަތު ޒުހައިރާ – 267 ވޯޓުން
- އަލީ ޝާހް – 262 ވޯޓުން
- ނާއިފް ޝައުކަތު – 258 ވޯޓުން
- ފާތިމަތު ރަހުމާ – 247 ވޯޓުން
- މުހައްމަދު އަބްދުއްލަތީފް – 247 ވޯޓުން
- އަދްލީ އިސްމާއިލް – 243 ވޯޓުން
- އަބްދުﷲ ސަހީލް ޖަލީލް – 242 ވޯޓުން
- މުހައްމަދު މައިޒަރު އާދަމް ޒާހިރު – 236 ވޯޓުން
- ޑރ. އަބްދުﷲ އިބްރާހިމް – 233 ވޯޓުން
- އައިޝަތު ހަފީޒް – 230 ވޯޓުން
ޕީއެންއެފްގެ އެތެރޭގެ އިންތިހާބަށް ޖުމްލަ 55 މީހުން ވާދަކުރި އެވެ. އެއީ ޕާޓީގެ ރައީސާއި ޕާޓީގެ ނައިބުރައީސުންގެ މަގާމާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އާއި ޕާޓީ ޓްރެޝަރާ އާއި ޕާޓީގެ ރަޖިސްޓްރާ އާއި ޕާޓީގެ ސެނެޓުގެ 14 ގޮނޑިއަށް ވާދަކުރި 48 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު