ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ކ.ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހުމާނު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 52 އަހަރުގެ ހަސަން އަބްދުއްރަހުމާނު ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހައްޔަރުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިން ހިމެނެއެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި މީހުންނަކީ އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލާއި މިފްކޯގެ އިސް މަގާމެއްގައި ހުންނެވި މުއާޒު އަލީއެވެ.
މި އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު އެމްޕީއެލް، ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ މައްސަލަ މި މަހުގެ 9 ގައި ފުލުހުންނަށް ހުށަހެޅި މައްސަލައިގައި 12 މީހެއް ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ސިނގިރޭޓު ކޭސްއެވެ. އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމުން ލަފާ ކުރެއެވެ.
ވަގަށް އެތެރެކުރުމުން ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލަ ތަހުގީގު ކުރިއަށްދާއިރު، އައްޑޫއަށް އެތެރެ ކުރަން އުޅުނު ވަގު ސިނގިރޭޓުތަކެއް ވެސް މި ފަހުން އަތިލައިގެންފައިވެއެވެ. އަތުލައިގަތް އެ ޝިޕްމެންޓުގައި ހުރި ސިނގިރޭޓުގެ އަދަދު ލައްކައަކަށްވުރެ ގިނައެވެ.


ކިޔުންތެރިންގެ ހިޔާލު