ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަކީ މިއަދު ގިނަ ޒުވާނުން ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުމެވެ. ޚާއްޞަކޮށް މަތީ ތަޢުލީމު ޙާޞިލުކޮށްގެން ތިބި ޒުވާނުންނަށް މިކަމުގެ ހިތްދަތިކަން ވަރަށް ބޮޑަށް އިޙްސާސްކުރެވެއެވެ. އަޅުގަނޑުމެން މައިންބަފައިން ކުޑައިރުއްސުރެ ކިޔައިދެމުން އައީ “ކިޔަވާށޭ، ކިޔަވައިގެނޭ ރަނގަޅު ވަޒީފާއެއް ލިބޭނީ” މިފަދަ ބަސްތަކެވެ. ނަމަވެސް މިއަދު ޙަޤީޤަތަކީ ކިޔެވުމާއި ހުނަރަށްވުރެ ވަޒީފާ ލިބުމުގައި މުހިންމުވަނީ ސިޔާސީ ގުޅުންތަކެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް މިކަން ތަޖުރިބާކުރެވިފައިވާނެއެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެތައް އަހަރެއްގެ ބުރަ މަސައްކަތުން މަތީ ސަނަދުތައް ހާސިލުކޮށްގެން އަންނަ ޒުވާނުން ވަޒީފާއަށް ކުރިމަތިލާއިރު، އެމީހުންނަށްވުރެ ދަށް ތަޢުލީމީ ފެންވަރެއް ހުރި މީހުން ވަޒީފާތަކަށް ހޮވިގެންދާތަން ފެނެއެވެ. ސަބަބަކަށްވަނީ ސިޔާސީ ނުފޫޒެވެ.
މިއަދު ދިވެހިރާއްޖޭގައި ޕިއޯނެއްގެ ވަޒީފާއިން ފެށިގެން އެންމެ މަތީ މަޤާމްތަކާ ހަމައަށް ވެސް މިލިބެނީ “ކާކު ދަންނަނީ” އަދި “ކޮން ޕާޓީއެއްގައި ހުރީ” މިފަދަ ބަލިކަށި މިންގަނޑުތަކަށް ބަލައިގެންނެވެ. ކިތަންމެ ރަނގަޅު ސީވީއެއް އޮތްކަމުގައިވިޔަސް، ސިޔާސީ މީހަކަށް ނުވަތަ މަޖިލިސް މެންބަރަކަށް ގުޅާލެވޭނެ ގޮތެއް ނެތްނަމަ، ވަޒީފާ ލިބުމުގެ ފުރުޞަތު ވަރަށް ކުޑައެވެ.
ކޮންމެ އަހަރަކު އެތައް ސަތޭކަ ދަރިވަރުން ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ދާއިރާތަކުން ދަސްވެނިވެގެން އަންނައިރު، އެމީހުންގެ ހިތުގައި އޮންނަނީ ރަނގަޅު މުސާރައެއް ލިބޭ، ކުރިއެރުން ލިބޭނެ ވަޒީފާއެއް ހޯދައިގެން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އުންމީދެވެ. ނަމަވެސް ވަޒީފާގެ ބާޒާރުގައި ކުރިމަތިވާ ހިތްދަތިކަމާއެކު، މިފަދަ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ފަހުން ދާން މަޖުބޫރުވަނީ ތަޢުލީމާ އެއްވެސް ގުޅުމެއް ނެތް ދާއިރާތަކަށެވެ. މިކަމުގެ ނަތީޖާއަކީ ޤައުމު ކުރިއަށް ގެންދިއުމަށް މުހިންމު އިންސާނީ ވަސީލަތްތައް ބޭކާރުވެގެން ދިއުމެވެ.
އިންތިޚާބުތައް ކައިރިވާއިރަށް ސިޔާސީ ބޮޑެތި މީހުން “ފީސަބީލިލާހި” ކިޔައި ވަޒީފާ ބަހަން ފަށައެވެ. ވަޒީފާއަކީ ޙައްޤުވާ ފަރާތްތަކަށް ދޭންޖެހޭ އެއްޗެއް ކަމުގައި ބެލުމުގެ ބަދަލުގައި، ސިޔާސީ މަންފާއަށް ބޭނުންކުރާ ހަތިޔާރަކަށް ވެފައިވެއެވެ. އިންތިޚާބީ ވަޢުދުތަކުގެ ތެރޭގައި “ތިމަންނަމެން ވެރިކަމަށް އައިއްސިއްޔާ ވަޒީފާ ދޭނަމޭ” ކިޔުމަކީ އާންމު ކަމަކަށްވެފައިވެއެވެ.
ވަޒީފާ ލިބޭ ފަރާތްތަކުން އެބަޔަކު ބަލަނީ އެމީހުންގެ ތަޢުލީމީ ފެންވަރަށާއި ހުނަރަށްވުރެ ބޮޑަށް، އެމީހުން ނިސްބަތްވާ ސިޔާސީ ޕާޓީއަށެވެ. އަދި އެމީހުން މެދުވެރިކޮށް ސިޔާސީ ބޮޑެތި މީހުންނަށް ލިބިދާނެ މަންފާއަށެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.
މި ނިޒާމުގެ ސަބަބުން ދިވެހި މުޖުތަމަޢުގައި ފެންނަމުންދާ ނޭދެވޭ އަސަރުތައް މަދެއް ނޫނެވެ:
-
ޤާބިލު މީހުން ފަހަތަށް ޖެހުން: ޙަޤީޤަތުގައި ވަޒީފާއަށް އެންމެ ޤާބިލު މީހުންނަށް ފުރުޞަތު ގެއްލިގެންދާއިރު، ސިޔާސީ ގުޅުން ހުރި މީހުންނަށް ފުރުޞަތު ލިބެއެވެ.
-
މަސައްކަތުގެ ފެންވަރު ދަށްވުން: ވަޒީފާއަށް ޤާބިލު ނޫން މީހުން ހޮވުމުގެ ސަބަބުން މުޅި މުއައްސަސާގެ މަސައްކަތުގެ ފެންވަރު ދަށްވެއެވެ.
-
ތަޢުލީމަށް ދެވޭ އަހައްމިއްޔަތު ކުޑަވުން: ޒުވާނުން ދެކެން ފަށަނީ “ކިޔަވައިގެން ވެސް ވަޒީފާ ނުލިބޭނެ” ކަމަށެވެ. މިއީ މުޅި ތަޢުލީމީ ނިޒާމަށް ކުރާ ނޭދެވޭ އަސަރެކެވެ.
- ބޭރުޤައުމުތަކަށް ހިޖުރަކުރުން: ޤާބިލު ޒުވާނުން ރާއްޖޭގައި ފުރުޞަތު ނުލިބުމުން، ބޭރު ޤައުމުތަކަށް ދިއުމަށް މަޖުބޫރުވެއެވެ. މިއީ “ބްރެއިން ޑްރެއިން” ނުވަތަ ޤައުމުގެ ސިކުނޑި ހުސްވުމޭ ކިޔާ ޙާލަތެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ:
-
ވަޒީފާ ދިނުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން: ހުރިހާ ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކުގައި މެރިޓް އުސޫލުން ވަޒީފާ ދިނުމުގެ ނިޒާމެއް ޤާއިމުކުރަންޖެހެއެވެ.
-
ސިވިލް ސަރވިސް ކޮމިޝަންގެ ދައުރު ހަރުދަނާކުރުން: ވަޒީފާ ދިނުމުގައި ސިޔާސީ ނުފޫޒު ފޯރުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ހަރުދަނާކުރަންޖެހެއެވެ.
-
ހާމަކަން ބޮޑުކުރުން: ވަޒީފާއަށް މީހުން ހޮވުމުގެ މުޅި ޕްރޮސެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުން.
-
ސިޔާސީ ވަޒީފާތަކާއި ޕްރޮފެޝަނަލް ވަޒީފާތައް ވަކިކުރުން: ކޮންމެ ސަރުކާރަކާއެކު ބަދަލުވާންޖެހޭ ސިޔާސީ މަޤާމުތަކާއި ޕްރޮފެޝަނަލް މަޤާމުތައް ސާފުކޮށް ވަކިކޮއް އިޢުލާންކުރުން.
ދިވެހިރާއްޖޭގައި ވަޒީފާގެ ބާޒާރު މިހާރު އޮތްގޮތުން، ޤާބިލު ޒުވާނުންނަށް ލިބެންޖެހޭ ފުރުޞަތުތައް ގެއްލިގެން ގޮސްފައިވެއެވެ. ސިޔާސީ ނުފޫޒުގެ ސަބަބުން ހަމަހަމަކަމާއެކު ވަޒީފާގެ ފުރުޞަތުތައް ނުލިބި، ކިތަންމެ މަތީ ތަޢުލީމެއް ހާސިލުކޮށްފައި ހުރިކަމުގައިވިޔަސް، “ސިޔާސީ މީހުންނާއި މަޖިލިސް މެންބަރުންގެ ފައިގައި ދޫލައިގެން” ނޫނީ ވަޒީފާ ނުލިބޭ ހިސާބަށް ކަންތައްތައް ގޮސްފައިވުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ.
ސަރުކާރުގެ މަތީފަޑީގައި ތިބި ބޭފުޅުން މަސައްކަތްކުރަންޖެހެނީ މިފަދަ ނިޒާމެއް ބަދަލުކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ވަޒީފާގެ ފުރުޞަތުތައް ލިބޭނެ ގޮތް ހަދައިދިނުމަށެވެ. ޤައުމުގެ ކުރިމަގު ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ ޤާބިލު އިންސާނީ ވަސީލަތްތައް ކަމުގައިވާއިރު، ސިޔާސީ ނުފޫޒަށް އިސްކަންދީގެން ޤާބިލު މީހުންނަށް ފުރުޞަތު ނުދިނުމަކީ މުޅި ޤައުމަށް ވެވޭ ހިޔާނާތެކެވެ.


ކިޔުންތެރިންގެ ހިޔާލު