އަމާޒަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓް އަންނަ ނޮވެމްބަރު މަަސް ނިމުމުގެ ކުރިން ހަވާލުކޮށް ނިންމާލުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެމްޑީ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން “ވަގުތަށް” ވިދާޅުވީ މިހާރު އެފްޑީސީއިން ކުރިއަށް ގެންދަނީ ފްލެޓް ލިސްޓްގައިވާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އިއްޔެ އަމާން އުދަރެސް ޓަވަރު 14 އިން 14 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއްގެ ތަޅުދަނޑު ހަވާލުކޮށް ނިންމާލުން.” ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ އެ ފްލެޓްތައް ތަރައްގީ ކުރުމަށް އެފްޑީސީގެ ސްކޯޕްގައިވާ ކަންކަން މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ސްޓެލްކޯއިން ކަރަންޓުލުމާއި އެމްޑަބްލިއުއެސްސީއިން ފެން ގުޅުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ވެސް ނޮވެމްބަރު މަސް ނިމުމުގެ ކުރިން ނިންމާލާނެ ކަމަށް ވިދާޅުވިއެވެ.
އެފްޑީސީއިން ފްލެޓް ހަވާލުކުރަމުންދަނީ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ. 2 ކޮޓަރީގެ އެޕާޓްމަންޓަކަށް 15,000ރ، އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް 25,000ރ ގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ.
ސަރުކާރުން ވަނީ ގަވާއިދުން މި ފްލެޓްތަކަށް ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމާފައެވެ. އެގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 9,000ރ އިން 7,000ރ އަށް، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 13,000ރ އިން 9,000ރ އަށް ވަނީ ކުޑަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު