ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީހު އިސްވާރު ކަށިމާ އަޙްމަދު ޝާކިރަށް ޝާރިޖާގެ އަމީރު ސާހިބުއްސުމުއްވު އައްޝައިހު އައްދުކްތޫރު ސުލްތާނު ބިން މުޙައްމަދު އަލްގާސިމީގެ ފަރާތްޕުޅުން ހާއްސަ އެވޯޑެއް ލިބިވަޑައިގެންފިއެވެ.
ޝާރިޖާގެ އަމީރުގެ އަތްޕުޅުން އެވޯޑު ދެއްވީ އެމަނިކުފާނުގެ ހައްސަ ބެއްލެވުމެއްގެ ދަށުން، ޝާރިޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުގެ ފަރާތުން އިންތިޒާމުކުރައްވައިގެން މި މަހު 22 އިން 26 އަށް ކުރިއަށް ގެންދަވާ ޝާރިޖާ އިންޓަނޭޝަނަލް ނެރޭޓަސް ފޯރަމްގައެވެ.
ޝާކިރަށް ލިބިވަޑައިގެންފައިވަނީ 2025 ވަނަ އަހަރުގެ ޝަރަފުވެރި ރާވީގެ އެވޯޑެވެ. ޝަރަފުވެރި ރާވީގެ އެވޯޑު ދެއްވަނީ އެ ބޭފުޅަކު ގައުމެއްގެ ތަރިކައިގެ ދާއިރާއަށް ކުރައްވާފައިވާ މަސައްކަތްތަކާއި ހިދުމަތުގެ ސަބަބުން އެ ބޭފުޅަކީ އެ ގައުމެއްގައި ތަރިކައިގެ ދާއިރާގެ ހަޒާނާއެއްކަމަށް އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތަކަށެވެ.
ކަށިމާ އަޙްމަދު ޝާކިރު ވަނީ ދިވެހި ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އޭނާ ލިޔުއްވި ގަރުނު ފޮތް ސިލްސިލާ ފާހަގަކުރެވެއެވެ. އޭގެ އިތުރަށް އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާތައް ލިޔުއްވާފައިވެއެވެ. މިހާރު ޝާކިރުގެ ހިދުމަތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިވެހި ގައުމިއްޔަތު އިއާދަކޮށް ދިރުވާ އާލާކުރެއްވުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ދިވެހި ތަރިކާ ދިރާސާކުރާ ގައުމީ މަރުކަޒުންނެވެ.
ހާއްސަކޮށް ރައީސް މުޢިއްޒު އުފައްދަވާފައިވާ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ތާރީހު އިސްވާރުގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ އެ މަރުކަޒުގެ ވިލަރެސްވެރީން ތަމްރީނުކުރުމާއި މުގައްރަރުތައް ފަރުމާކުރުން ފަދަ މަސައްކަތްތައް ކުރައްވަމުންނެވެ.
ޝާކިރު ވަނީ ޝާރިޖާ ފޯރަމުގެ އެކި ދަންފަޅިތަކުގައި ރާއްޖޭގެ ތާރީހާ ބެހޭ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ. އަދި ޝަރަފުވެރި ރާވީގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެން ޝާރުޖާގެ ބައެއް ޓީވީ ޗެނަލްތަކުން ވަނީ އޭނާގެ ބަސްދީގަތުންތައް ނަގާފައެވެ. ޝާކިރުގެ ހުށަހެޅުންތައް ބަލައިލަން އެކި ޔުނިވަސިޓީތަކުން ދަރިވަރުން ހާޒިރުވިއެވެ.


ކިޔުންތެރިންގެ ހިޔާލު