Advertisement

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި: ޚުތުބާ

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން އާކޮށްދީފިއެވެ.

މިއަދު ޚުތުބާ ކިޔާފައިވަނީ މުޖުތަމައު އިސްލާހުކުރުމުގައި އެންމެންގެ ޒިންމާގެ މައްޗަށެވެ.

Advertisement

ޚުތުބާގައި ބުނީ، މުޖުތަމަައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެެއިން އެއް ކަމަކީ މައިންބަފައިންނަށް އުރެދި، އެ ބައިމީހުންނަށް ނުކިޔަމަންތެރިވުން ކަމަށެވެ. އަދި، މުސްކުޅިވީ ދުވަހު ވެސް ބައެއް މީހުން އެބައިމީހުންގެ މައިންބަފައިންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

“މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެކެވެ. ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުންނެވެ،” ޚުތުބާގައި ބުންޏެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ އުމުރުގައި ބަރަކާތްލައްވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެބައިމީހުންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށެވެ. އެހެންވެ، މައިންބަފައިން ނިކަމެތިކޮށް ދޫކޮށްނުލާން ވަނީ ނަސޭހަތްތެރިވެފައެވެ.

“ވިސްނުން ބަދަލުކުރާށެވެ! ތިބާ ކުޑަކުޑައިރު، ނިދިނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށް ޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވާށެވެ! މި އަދު އެ ދެ މީހުން އެ ވަނީ މުސްކުޅިވެ ގައިގެ ބާރު ދެރަވެފައެވެ. ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައެވެ،” ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ވެސް ޚުތުބާގައި ވަނީ މުޖުތަމައުގައި ހިނގާ މި ނޫން ވެސް ނޭދެވޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

އެގޮތުން، މިސްކިތްތަކުގެ ހުރުމަތް ނުކެނޑުމަށާއި ވިޔަފާރީގައި ތެދުވެރިވުމަށާއި، ކުރާ ކޮންމެ ކަމެއްގައި ވެސް އިޚުލާސްތެރިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި، މުޖުތަމައުގެ ކަންކަން ގޯސްވުމުން އެ ވާހަކަދެއްކި ނަމަވެސް އެ ކަންކަން ހައްލުކުރަން އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރެވޭތޯ ޚުތުބާގައި ސުވާލުކުރިއެވެ.

“ބަންގީގެ އަޑު އިވުނަސް، މާއްދިއްޔަތަށް ޓަކައި ފިހާރަތަކާއި، ހޮޓާތައް ހުޅުވައިގެން ޚިދުމަތްދޭން ތިބެނީ ވެސް ހަމަ އަހަރެމެންނެވެ. މުޖުތަމަޢުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފޭރާން އަޅައިގެން އުޅުމާއި، ރަށުތެރޭގައި ނިވާކަން ކުޑަ ފޮޓޯތަކާއި އިޝްތިހާރުތަކާއި ޞޫރަތައް ހަރުކުރަނީ ވެސް ހަމަ އަހަރެމެންނެވެ. މި ކަންކަމަކީ އަހަރެމެންނަށް ޙައްލުކުރެވޭން ހުރި ކަންކަމެވެ،” ޚުތުބާގައި ބުންޏެވެ.

އަދި، ކުޑަކުދީންނާއި، އެކަނިވެރީންނާއި، އެ ނޫން ވެސް އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވާން ޚުތުބާގައި ތަނަވަސްކަމުގެ އަހުލުވެރިންނަށް ވަނީ ގޮވާލާފައެވެ. އަދި، ލޭއަޅާ ކުދިންނަށް އެހީވެ، ލޭ ހަދިޔާކުރަން ވެސް ޚުތުބާގައި ގޮވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ