Advertisement

ހުސްބަނޑާ ހުރެ ކެއުމަށް ނުރަނގަޅު ކާނާގެ ބާވަތްތައް

ދުވާލުގެ އެންމެ މުހިއްމު ކެއުން ކަމުގައިވާ ހެނދުނުގެ ނާސްތާ އަކީ ހަށިގަނޑަށް ބޭނުންވާ ބާރާއި ވަރު ދިނުމަށް ކޮންމެހެންވެސް ބޭނުންތެރި ކެއުމެކެވެ. އާންމުކޮށް ހެނދުނު ހޭލާ ގޮތަށް ހުސްބަނޑާ ހުރެ ނާސްތާ ކުރުމުގައި ގިނަ ބަޔަކު ސިއްހަތަށް ފައިދާ ހުރި ކާނާ ހިމެނުމަށް އިސްކަންދެއެވެ. ނަމަވެސް ސިއްހީ މާހިރުން މިހާރު ވަނީ ހުސްބަނޑާ ހުރެ ކެއުމަށް އެހާ ރަނގަޅު ނޫން، ބައެއް ކާނާގެ ބާވަތްތައް ހާމަކޮށްފައެވެ. މި ބާވަތްތަކަކީ އެހެން ވަގުތުތަކުގައި ސިއްހަތަށް ފައިދާހުރި ތަކެއްޗަށް ވިޔަސް، ހެނދުނު ހެނދުނާ ކެއުމުން ހަށިގަނޑަށް ނުރަނގަޅު އަސަރުތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހުންނަ ޝާރުދާ ހޮސްޕިޓަލުގެ ސީނިއަ ޑައިޓީޝަން، ވާރްޝާ ޝަރުމާ ވިދާޅުވެފައިވަނީ، ހުސްބަނޑާ ހުރެ ކެއުމުން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ފަސް ބާވަތެއްގެ ކާނާ އާންމުން ދެނެގަތުން މުހިއްމު ކަމަށެވެ. އެއީ:

Advertisement

1. ހުތްކަން އެކުލެވޭ ނުވަތަ ސިޓްރަސް މޭވާ
އޮރެންޖު، ލުނބޯ އަދި ގްރޭޕްފުރުޓު ފަދަ ހުތް މޭވާތަކަކީ ވިޓަމިން ސީއިން މުއްސަނދި ބާވަތްތަކެކެވެ. ނަމަވެސް، ވާރްޝާ ޝަރުމާ ވިދާޅުވާ ގޮތުގައި، ހުސްބަނޑާހުރެ މި ބާވަތްތައް ކެއުމަކީ ބަނޑުގެ މައްސަލަތައް ހުންނަ މީހުންނަށް ގޭސްޓްރިކް އުނދަގޫތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމެކެވެ. އެހެންކަމުން، ހެނދުނުގެ ނާސްތާގައި މިފަދަ މޭވާގެ ބަދަލުގައި އާފަލެއް ނުވަތަ ދޮންކެޔޮ ހިމެނުމަށް އޭނާ އިރުޝާދު ދެއްވިއެވެ.

2. ކުޅިކޮށް ހުންނަ ކެއުންތައް ނުވަތަ ހަވާދުގެ ބާވަތްތައް އެކުލެވޭ ކެއުން
އާންމުކޮށް ކުޅި ކެއުންތަކަކީ ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާތަކެއް ލިބިދޭ ބާވަތްތަކެކެވެ. ނަމަވެސް ހެނދުނު ހުސްބަނޑާ ހުރެ ކުޅިކާނާ ކެއުމުން ބަނޑުގައި ވައި ހެދި، ބަނޑުގައި ރިއްސުންފަދަ އުނދަގޫތައް ކުރިމަތިވެދާނެއެވެ. ވާރްޝާ ޝަރުމާ ލަފާ ދެއްވީ ކުޅި ކެއުންތަކުގެ ބަދަލުގައި އޯޓްސް ހިމެނޭ ކެއުންތައް ނުވަތަ ހުތްކަމެއް ނެތް މޭވާއިން ތައްޔާރުކޮށްފައިވާ ސްމޫތީއެއް ހެނދުނުގެ ނާސްތާގައި ބޭނުންކުރުމަށެވެ.

3. ފޮނި ކެއުންތަކާއި ހަކުރު އެކުލެވޭ ބުއިންތައް
ޕޭސްޓްރީ، މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސް، އަދި އެކި ކަހަލަ ސީރިއަލްތަކަކީ ފޮނި ނާސްތާއެއްގައި ގިނައިން ފެންނަ ބާވަތްތަކެކެވެ. ނަމަވެސް ހުސްބަނޑާހުރެ މި ބާވަތްތައް ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށް ގޮސް، ދިގު މުއްދަތުގައި ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމަށް ވާރްޝާ ޝަރުމާ ވިދާޅުވިއެވެ. މިކަމުގެ އަސަރު އެވަގުތު ނުފެނުނަސް، ފަހުން އެކަމުގެ ނޭދެވޭ އަސަރުތައް ފެނިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

4. ނުކައްކާ ހުންނަ ތަރުކާރީގެ ބާވަތްތައް
ތަރުކާރީއަކީ ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެހެންނަމަވެސް، ކެރެޓް، ބްރޮކޮލީ، އަދި ކެބެޖު ފަދަ ނުކައްކާ ތަރުކާރީ ހުސްބަނޑާ ހުރެ ކެއުމުން އެއިން ގޭސް އުފައްދައި، ބަނޑު ފުފޭގޮތް ވެދާނެއެވެ. ސަބަބަކީ މިފަދަ ތަކެތި ހަޖަމުކުރުމަށް ވަގުތު ނެގޭ ބާވަތްތަކަކަށް ވުމެވެ. ހެނދުނު ތަރުކާރީ ކާހިތްވެއްޖެނަމަ، ބޭނުންވާ ތަރުކާރީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސޫޕެއް ބުއިމަށް ވާރްޝާ ޝަރުމާ ލަފާ ދެއްވިއެވެ.

5. ކާބޮނޭޓެޑް ބުއިންތަކާއި ކޮފީ
ކޮފީއަކީ ދުވަސް ފެށުމަށް ގިނަ ބަޔަކު ބޭނުންކުރާ ބުއިމަކަށް ވިޔަސް، ބަނޑުގެ މައްސަލަތައް ހުންނަ މީހުން ހުސްބަނޑާ ހުރެ ކޮފީ ބުއިމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. މީގެ ސަބަބުން ފަސޭހައި ބަނޑުގައި ވައި ހެދި، ގޭހުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. ކޮފީ ބުއިމުގެ އާދަ ހަރުލާފައިވާނަމަ، ކޮފީއާ އެކު ޕްރޮޓީންގެ މާއްދާ އެކުލެވޭ އެއްޗެއް ބޭނުންކުރުމަށް ވާރްޝާ ޝަރުމާ އިރުޝާދު ދެއްވިއެވެ. ހަމަ އެއާއެކު، ކާބޮނޭޓެޑް ބުއިންތަކަކީ ކާނާ ހަޖަމުކުރުން ލަސްކޮށްދޭ ބާވަތްތަކަކަށް ވުމުން، ހުސްބަނޑާ ހުރެ އެފަދަ ބުއިންތަކާ ދުރުހެލިވުމަށް ވެސް އޭނާ ވަނީ ލަފާ ދީފައެވެ.

ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ވެސް ރަނގަޅު ވަގުތުތަކުގައި ބޭނުންކުރުމަކީ މުހިއްމުކަމެއް ކަމަށް ޑައިޓީޝަން ވާރްޝާ ޝަރުމާ ފާހަގަކުރެއްވިއެވެ. މިފަދަ މައުލޫމާތުތަކަށް ސަމާލުކަން ދިނުމަކީ ދިގު މުއްދަތަށް ހަށިގަނޑުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް