ލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ހަތަރު ލޭނަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓު 1 ގައި ހިމެނޭ ސަރަހައްދުގެ މަގު ފުޅާކުރުމަށް ބޭނުންވާ ފަޅުގެ ސަރަހައްދަށް ވެލި އަޅަން ފަށައިފިއެވެ.
އެމްޓީސީސީއާ 144,509,024.16 ރުފިޔާގެ އަގަކަށް މި މަޝްރޫއު ހަވާލުކުރީ މި އަހަރުގެ އޭޕްރީލް މަހުގައެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަގެންދާ ގޮތް ބެއްލެވުމަށް، އެމްޓީސީސީގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ އިއްޔެ ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. އެމްޓީސީސީން ރޭ ބުނީ އެ ސަރަހައްދުގެ ފަޅުގެ ސަރަހައްދުގައި 72 މީޓަރު ޝީޓް ޕައިލްކުރުމުގެ މަސައްކަތްކޮށް، މަގު ފުޅާކުރުމަށްޓަކައި ބޭނުންވާ ކޮންކްރީޓް ޖެޓީ ތަޅާލުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ހެދުމަށް 3 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ މަގުގައި ތާރު އަޅައި، ދުވާރުތަކާއި ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. މީގެ ސަބަބުން މާލޭގެ މަގުތަކުގެ ދަތުރުފަތުރުގެ ފަސޭހަކަން އިތުރުވެ، ޓްރެފިކް ތޮއްޖެހުމަށް ލުޔެއް ލިބި، ވާރޭވެހި ފެންބޮޑުވުން ކުޑަވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު