މިއީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާ ގުޅޭގޮތުން، ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދިވަޑައިގަތުމާ ގުޅިގެން ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އެއް ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ މި ބައްދަލުކުރެއްވުމުގައި، ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާއި، މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ.
އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ރައީސް ވަނީ ދެއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު