ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން “މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން މި ހަފްތާ ތެރޭގައި ހދ. އަތޮޅުގެ އިތުރު 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރާނެ ކަމަަށް އެ ބޭންކް އިން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މި ހިދުމަތް ފެށީ ހދ. ފިނޭގައެވެ. މި ހިދުމަތް ފަށަން އެރަށުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޝަރީފް ވިދާޅުވީ، ފިނޭ އާއި މި އަތޮޅުގެ އެހެން ރަށްތަކުގައި އޭޓީއެމް ވިއުގަ ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓަކީ މުޖުތަމައުތަކަށް ވީހާވެސް ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އެ ބޭންކްއިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
“މިހާރު މިރަށުގެރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި 24 ގަޑިއިރު އޭޓީއެމްގެ ޚިދުމަތް ލިބޭނެ.”
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 146 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 204 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު