މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ހއ. އުތީމަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް މިއަދު ދަންނަވައިފިއެވެ.
ރައީސަށް މަރުހަބާ ދެންނެވުމަށް އުތީމުގެ ކުދިބޮޑު ވަރަށް ގިނަ ރައްޔިތުން ބަނދަރު ސަރަހައްދަށް އެއްވިއެވެ. ރައީސަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް، މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އަދި ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ހިމެނިވަޑައިގަންނަވައެވެ.

ރައީސްގެ ދެ ކަނބަލުން އުތީމަށް ވަޑައިގަތުމުން އެރަށު ސްކޫލް ދަރިވަރުންގެ ސަގާފީ ހަރަކާތެއް ވަނީ ހުށަހަޅާފައެވެ. އަދި ކަޅުއޮށްފުންމި ނަކަލަކަށް ހަދައިގެން ހެދި އޮޑި ކައިރީގައި ރައީސް އާއި ދަރިވަރުން ފޮޓޯއެއް ނެންގެވިއެވެ.
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ހއ. އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ވަނީ ނިންމަވާފައެވެ. މި ޝަރަފް އެރުވުން އޮންނާނީ މިއަދު އުތީމްގައި ބާއްވާ ޖަލްސާގައެވެ.

އެ ޝަރަފް އެރުވުމަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުއްވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދިން އަހަންމިއްޔަތުކަމުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރުމުގެ ގޮތުންނެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މި ބާއްވަވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު