އއ. އުކުޅަހުން 250 ގޯތި ދެވޭ ވަރަށް ލޭންޑް ޔޫސް ޕްލޭން އިސްލާހުކޮށް، 50 ހައުސިން ޔުނިޓްގެ މަސައްކަތް މިއަހަރު ބަޔަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ އުކުޅަހު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެރަށަށް ވަޑައިގެން އޭރު ރައްޔިތުންގެ ހުރި ކަންބޮޑުުވުންތައް އަޑު އައްސަވާ، ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވީ މާދަމާ ހެނދުނު ހުޅުވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމްއަކީ އެމަނިކުފާނު ވެވަޑައިގެންނެވި އެއް ވައުދު ކަމަށެވެ. އޭޓީއެމްއާއެކު ލޯކަލް ޓޫރިޒަމް ދާއިރާގައި އުޅޭ މީހުންނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ރަށުގައި މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު މައި މަގު ހެދުމަށްޓަކައި ތާރު އެޅުމާ ގާތަށް އައިސްފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ މަގުތައް ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ފުރިހަމަވެގެންދާއިރު ބޯހިޔާވަހިކަމުގެ ދަތިކަމަށް ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން އެންމެ ގިނަ ޖާގަ ނެގެން އޮތް މިންވަރަށް ލޭންޑް ޔޫސް ޕްލޭންގައި ގޯތީގެ ޖާގަ ނަގާފައި ނެތް ކަމަށާއި ގޯތި ދޭން ކަނޑައަޅާފައި އޮތީ 174 ޔުނިޓް ކަމަށްވާއިރު އިތުރު ޖާގަތައް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ޖާގަތައް ކަނޑައަޅާފައި ހުރީ ލޯކަލް ޓޫރިޒަމްގެ ބޭނުމަށް ކަމަށެވެ.
“އަޅުގަނޑު ގަބޫލުކުރާގޮތުގައި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުން، ލޯކަލް ޓޫރިމަށް ކަނޑައަޅާފައިވާ ބިންތައް ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސް ކުރާއިރު ގޯތި ދޭގޮތަށް ބަދަލުކޮށް ޖުމްލަ 250 ގޯތި ދެވޭވަރަށް ލޭންޑް ޔޫސް ޕްލޭން އިސްލާހުކޮށްފައި އަޅުގަނޑުމެން ފާސްކުރަނީ. އަދި އެ 250 ގޯތި ދޫކުރުމުގެ ހުއްދަ އަންނަ ހަފްތާގައި އަޅުގަނޑުމެން ކައުންސިލާ ހަވާލުކުރާނަން. އުންމީދުކުރަން އަންނަ ހަފްތާގައި ގޯއްޗަށް ހުޅުވާލާނެކަމަށް ކައުންސިލުން. 50 ހައުސިން ޔުނިޓްގެ މަޝްރޫއު މިއަހަރު ބަޔަކާ ހަވާލުކޮށް، ބާރު ސްޕީޑުގައި ގެންދެވޭތޯ ބަލާނަން. މި ޖާގަތައް އިތުރު ކުރުމުން ގޯތީގެ މައްސަލަ ހައްލުވެގެންދާނެ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 250 ގޯއްޗާއި 50 ހައުސިން ޔުނިޓްގެ މަޝްރޫއު އާއެކު ގެދޮރުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ. އަދި ހައުސިން ޔުނިޓް އަޅަން ކަނޑައަޅާފައިވާ ތަންތަނުގައި ފޭސްތަކަށް ބަހަަލައިގެން ކުރިއަށް އޮތް އަހަރުތަކުގައި އެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު