ބ. ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ މަޝްރޫއުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުޅާދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަހުމަދު ސައުދީ، ސަރުކާރުގެ ބައެއް މިނިސްޓަރުން އަދި ތުޅާދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަޝްރޫއު ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އިއްޔެއެވެ. އެ މަޝްރޫއުގެ މަސައްކަތުގެ އަގަކީ 570,260,350.80 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީއަށް މަސައްކަތް ނިންމަން ދީފައިވަނީ 660 ދުވަހެެވެ.
ތުޅާދޫގައި ފެންވަރު ރަނގަޅު އެއާޕޯޓެއް ހަދައި، ބިން ހިއްކައިދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ 04 މާޗް 2024 ވަނަ ދުވަހު ތުޅާދޫއަށް ވަޑައިގެން ވައުދުވެވަޑައިގެންފައެވެ.
“އެންމެ ގިނަ ޒަމާންތަކެއްވާންދެން ތި ބޭފުޅުން އުންމީދުކުރަމުން އައީ އެއާޕޯޓުގެ ކަންތައް. ވަރަށް ލަސްކޮށްދާ ވަރަށް ފަނޑުކޮށްދާ ހަގީގަތަކަށް ނުވާނެހެން ހީވާ ގޮތަށް ދާކަމެއް. އެކަން ބަދަލުކޮށް، ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަވާ ފެންވަރުގެ އެއާޕޯޓެއް އަޅުގަނޑުމެން ހަދައިދޭނެ ވާހަކަ ދަންނަވަން” ރައީސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު