ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ މަސްލަޙަތު އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މާލީ މުޢާމަލާތްތަކަކާއި ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން (އެފްއައިޔޫ) ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓު ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުން ދަނިކޮށް، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން މިއަދު ޝުޖާއު ވަކިކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ، އެސްއޯއީ ކޮމިޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު އެކޮމިޓީއަށް ހަމަޖައްސާފައިވާކަން އިއުލާނު ކުރަށްވައިފައެވެ. މަޖިލީހުގެ އެންމެ މުހިއްމު އެއް ކޮމިޓީ ކަމަށްވާ އެސްއޯއީ އެކޮމިޓީގެ މުޤައްރިރު ޝުޖާއު މިއަދު ވަކިކުރިއިރު، އިއްޔެ އޭނާ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ވަކިކޮށްފައެވެ. ޕީއެންސީގެ ނައިބު ރައީސްގެ އިތުރުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު ޝުޖާއު މި ދެ މުހިންމު ކޮމިޓީން ބަދަލު ކުރަށްވާފައިވަނީ، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. ފުލުހުންނާއި ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި އިއްޔެ ބުނެފައިވަނީ، އެފްއައިޔޫގެ މި ރިޕޯޓުގެ މައްސަލަ އޭޕްރީލް މަހުން ފެށިގެން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އޭސީސީންވެސް ވަނީ އެމައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ. އެފްއައިޔޫގެ ރިޕޯޓު ލީކުވުމާއެކު އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެމްއެމްއޭ އިން ވަނީ އޭނާ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ.
އާންމުވެފައިވާ އެފްއައިޔޫ ރިޕޯޓުގައިވާ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފިނޭންސް މިނިސްޓްރީއިން 13 ނޮވެމްބަރު 2023 ގައި ސިވެކަށް ދެއްކި 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކޮށްފައިވަނީ ޝުޖާއުގެ މަސްލަޙަތު އޮންނަ އޮފިޝަލް އިވެންޓްސްއަށް ކަމަށްވެއެވެ. ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.
އެ ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް، ކޮމިޓްމަންޓް ފީގެ ގޮތުގައެވެ. އޭގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކައެވެ.
އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކުންފުނި ތަކަކީ ސްވޯން ފެމިލީ، ކުއިކް ޝުއާ، އޮފިޝަލް އިވެންޓްސް، ޑީކިއު ހޯލްޑިންސް އަދި ސްޓޯ ޕްރޯސް ޓްރޭޑިން އެވެ. މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ. އެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ.
މި މައްސަލަ ފެންމަތިވުމުން ޝުޖާއު ވިދާޅުވެފައިވަނީ، އޭނާއާއި އޭނާ ހިއްސާވާ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސްއާއި ގުޅުވާ މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ، “އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން ނޭނގޭ” ކަމެކެވެ. އެކަމުގެ ސަބަބަކީ އެކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އޭނާއަށް ލިބިފައި ނުވާތީ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
“އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެމަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެމަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގައި ހަޤީޤަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކޭކަމުގައި،” ޝުޖާއު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އޭނާގެ ކުންފުނިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައިވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ކާމިޔާބު ކަމާއެކު ހިންގާފައިވާ ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުގެ ބިޑުތައް އޭނާގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅު ވުމުން ކަމަށް ޝުޖާއު ވަނީ ހާމަކުރައްވާފައެވެ.
ޝުޖާއު ވިދާޅުވީ، އޭނާގެ މަސްލަޙަތު އޮތް ކުންފުންޏަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް މިނިވަންކަމާއެކު ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ޙައްޤުގެ ތެރެއިން ކުރިއަށް އޮތް ތަނުގައިވެސް ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމަކީ އެމީހުންގެ އުންމީދެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު