މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދީފިއެވެ.
މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މީގެކުރިން ހުޅުވާލާފައިވަނީ މިއަދުގެ ނިޔަލަށެވެ. އެހެންނަމަވެސް މި ފުރުސަތު މިހާރުވަނީ އޮގަސްޓް 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް އިތުރުކޮށްފައެވެ.
ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
އެމްއެމްސީން ކޮންމެ އަހަރަކު ދެމުން އަންނަ މި އިނާމުގައި މިއަހަރު ވަނީ ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ހިމެނޭހެން 14 ދާއިރާއަކަށް ހުޅުވާލާފައެވެ. މިއަހަރުގެ އިނާމުތަކުގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ ހިމެނެއެވެ.
މީގެއިތުރުން ޝަރުއީ ދާއިރާއާއި ގާނޫނީ ދާއިރާއާއި ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާއާއި ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއާއި ޑޮކިއުމަންޓްރީގެ ދާއިރާ ހިމެނެއެވެ. އަދި ފީޗަރ ރިޕޯޓުގެ ދާއިރާއާއި ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ އާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ ވެސް ހިމެނެއެވެ.
ހަމަމިއާއެކު އުންމީދީ ނޫސްވެރިޔާގެ އިނާމާއި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު އަދި ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތަކުގެ ތަފްސީލު “މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު” ގައި ބަޔާންކޮށްފައިވާނެއެވެ. އިނާމަށް ނަން ހުށަހަޅާ ފޯމާއި އަދި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް “މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ކުރި އިއުލާން” އާއެކު އާންމުކޮށްފައިވެއެވެ.
މިއީ ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު ހިފަހައްޓައި، ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ބާރު އެޅުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.
(ލިންކު:https://bit.ly/40BzFNJ)


ކިޔުންތެރިންގެ ހިޔާލު