ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ޝަރަފުގައި ރައީސް ޑރ. މުއިއްޒު ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.

ލަންކާގެ ރައީސް ޑިސަނަޔެކެ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިރޭ ދެއްވި ޖާފަތުގައި ސަރުކާރުގެ މިނިސްޓަރުންނާއި ދައުލަތުގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

އެ ޖާފަތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑިސަނަޔެކެގެ މި ދަތުރުފުޅަކީ ތާރީހީ އަދި ކަންކަން ހާސިލުވެގެންދާނެ ދަތުރުފުޅަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

“ލަންކާއާއެކު އޮތީ ހަމައެކަނި އަވަށްޓެރި ގުޅުމެއް ނޫން. މިއީ އިތުބާރު ގާއިމުވެފައިވާ، އެތައް ޒަމާނެއްގެ ގުޅުމެއް. ރާއްޖޭގެ ރައްޔިތުންނާއި ލަންކާގެ ރައްޔިތުންނާ ދެމެދު އޮތީ ވެސް ހާއްސަ ގުޅުމެއް،” އެ މަނިކުފާނު ވިދާޅުވިއެވެ.

ފޮޓޯ:ރައީސް އޮފީސް

ރައީސް ވިދާޅުވީ ލަންކާއާއެކު އޮތް ގުޅުމަށްވުރެ ބޮޑަށް އެ ގައުމަކީ ދިވެހީންގެ ދެވަނަ ގައުމު ކަމަށާއި ލަންކާގެ ރައްޔިތުންނަށް ދިވެހީންނަށް ހާއްސަ މެހެމާންދާރީއެއް އަދާކުރާ ކަމަށެވެ. އަދި މުހިންމު ދާއިރާތަކަކުން ރާއްޖެ އާއި ލަންކާއާ ދެމެދު ގުޅުން ބަދަހިވެފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ލަންކާގެ ރައީސް ޑިސަނަޔެކެ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިއަދު ހަވީރު ވަނީ އެ މަނިކުފާނަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފައެވެ. އެއަށްފަހު ރައީސް އޮފީހުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ވަނީ ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.