Advertisement

ވަށައިގެން ކިނބޫ ބައިތިއްބާ ގޮތައް ފަަލަސްތީނު މީހުން ލުމަށް ޖަލެއް އެޅުމުގެ މަސައްކަތް ޖައްބާރު އިސްރާއީލުން ފަށައިފި

ފަލަސްތީނުގެ މީހުން ރަހީނުކޮށް ބަންދުކޮށްފައި ބައިތިއްބަން އިސްރާއީލުން އަޅާ ޖަލެއްގެ ވަށައިގެން ކިނބޫ އަޅާފައިވާ ފެންގަނޑުތައް ހެދުމަށް އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ހުށަހެޅި ހުށަހެޅުމަށް ގާނޫނީ ބާރުވެރިކަން ދިނުމަށް އެ ގައުމުގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން މިނިސްޓަރު އިދިތު ސިލްމަން ނިންމައިފިއެވެ.

މިދިޔަ 2025 ވަނ އަހަރުގެ ޑިސެމްބަރު މަހު އިސްރާއީލުގެ ޖައްބާރު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ހުށަހެޅި މި މަޝްރޫއު މީގެ ކުރިން ހުއްޓިފައި އޮތީ، އިސްރާއީލުގެ ވަލު ޖަނަވާރުން ރައްކާތެރިކުރުމާ ބެހޭ ގާނޫނުތަކުގެ ސަބަބުންނެވެ.

Advertisement

އިސްރާއީލުގެ ޗެނަލް 7 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބެން-ގްވީރު ހުށަހެޅުމަށް ގާނޫނީ ބާރު ދިނުމަށް އެ ގައުމުގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން މިނިސްޓަރު އިދިތު ސިލްމަން ވަނީ ކިނބުލަކީ “ބެލެހެއްޓޭ ވަލު ޖަނަވާރު” ތަކެއްގެ ގޮތުގައި އަލުން ކަނޑައަޅާ އަމުރެއްގައި ސޮއިކޮށްފައެވެ. އިސްރާއީލްގައި މީގެ ކުރިން ކިނބޫ ކަނޑައަޅާފައި އޮންނަނީ ހަމައެކަނި ލައިސަންސް އޮންނަ ޒޫތަކުގައި ބެލެހެއްޓޭނެ ހިމާޔަތްކުރެވިފައިވާ ޖަނަވާރުގެ ގޮތުގައެވެ. މި ބަދަލާއެކު އިސްރާއީލުގެ ޕްރިޒަން ސާވިސްއަށް ޖަލުތަކުގައި ކަނބޫލު ގެންގުޅުމުގެ ގާނޫނީ ހުއްދަ ލިބިގެންދާނެއެވެ.

މި މަޝްރޫއަށް އިބްރާނީ މީޑިއާތަކުން ދީފައިވާ ނަމަކީ “ކްރޮކޮޑައިލް ޕްރިޒަން” އެވެ.

ޗެނަލް 7 އިން ބުނި ގޮތުގައި އިސްރާއީލުގެ ޕްރިޒަން ސާވިސްއިން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދެވިދާނެ ގޮތްތައް ދިރާސާކުރަން ފަށާފައެވެ. މީގެ ތެރޭގައި ކިނބޫ ގެންގުޅޭނެ ގޮތާއި އެތަކެއްޗަށް ބޭނުންވާ ފަރުވާގެ ކަންކަން ދަސްކުރުމަށް ޒޫތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

މި ޖަލު ބިނާކުރުމަށް ހަމަޖެހިފައިވަނީ އުރުދުންގެ ބޯޑަރާއި، އިސްރާއީލުން ހިފާފައިވާ ސީރިއާގެ ގޯލާން ހައިޓްސްއާ ކައިރީގައިވާ ހަމަތު ގަދަރު ސަރަހައްދުގައެވެ. މި ސަރަހައްދަކީ މިހާރުވެސް ވިޔަފާރި އުސޫލުން ކިނބޫ ގެންގުޅޭ ފާމްތައް ހުންނަ ތަނަކަށް ވުމުން، މި މަޝްރޫއަށް ބޭނުންވާ ޖަނަވާރު ހޯދުމަށް ފަސޭހަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ޒުވާން ކިނބުލެއް އަގު ގާތްގަނޑަކަށް 8,000 ޑޮލަރަށް އަރާއިރު، ބޮޑެތި ކިނބުލެއްގެ އަގު 20,000 ޑޮލަރަށް އަރައެވެ.

އިސްރާއީލު ޖައްބާރު މިނިސްޓަރު ބެން-ގްވީރު ވަނީ މި ގާނޫނީ ބަދަލާ ގުޅިގެން އުފާ ފާޅުކޮށް، މިއީ ފަލަސްތީނުގެ ”އަސީރުން ޖަލުން ފިލުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް އެޅޭ ވަރުގަދަ ފިޔަވަޅެއް ކަމަށް” ބުނެ ސޯޝަލް މީޑިއާގައި ބުނެފައެވެ.

ނަމަވެސް، މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާރުވެސް އިސްރާއީލުގެ ޖަލުތަކުގައި 9,500 އަށްވުރެ ގިނަ ފަލަސްތީނު މީހުން ބަންދުކޮށްފައިވާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މި މީހުން ބަންދުކޮށްފައިވަނީ ވަރަށް އިހާނެތި ހާލަތްތަކެއްގައެވެ. އޭގެ ތެރޭގައި ބަނޑަށް ޖެއްސުމާއި، އަނިޔާކުރުމާއި، ސިއްހީ ފަރުވާ ނުދިނުން ހިމެނޭއިރު، މިފަދަ ކަންކަމުގެ ސަބަބުން މިހާތަނަށް އެތައް ބަޔަކު ވަނީ ޖަލުގައި މަރުވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޖަލުތަކުގައި މިފަދަ ނުރައްކާތެރި ޖަނަވާރުން ގެންގުޅުމަކީ އަސީރުން ނަފްސާނީ ގޮތުން ބިރުގަންނަވައި، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފު ކަމެކެވެ. ނަމަވެސް ހިތާމައަކީ އިސްރާއީލަކީ އެއްވެސް ގާނޫނެއް ހިނގާ ބަޔަކަށް ނުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޕާކިސްތާނުގައި ޖާނުން ފިދާވުމުގެ ހަމަލާއެއް، 15 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

މުޒާހަރާ އަދިވެސް ހޫނު، އިންޑިއާ ސަރުކާރުން އެދުނީ މާދަމާއާ ހަމައަށް މުހުލަތަކަށް!

ޓްރޮޕިކަލް ސްޓޯމް މޭސަކްގެ ސަބަބުން ޗައިނާގެ ދެކުނުގައި ފެންބޮޑުވެ 39 މީހުން މަރުވެއްޖެ