ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 15 މީހުން މަރުވެއްޖެއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާގައި މަރުވި 15 މީހުންގެ ތެރޭގައި 12 ސިފައިން ހިމެނޭ ކަމަށެވެ.
މި ހަމަލާ ދިނީ ކޮންބަޔަކު ކޮން މަގުސަދެއްގައި ކަމެއް އަދި އެނގިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައްއ ބުނެއެވެ.
ފާއިތުވި މަސްތަކުގައި އެ ގައުމުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާތައް ވަނީ އިންތިހާއަށް ގިނަވެފައެވެ.
އެގޮތުން، މިދިޔަ މެއި މަހު ރޭލަކަށް ދިން މިފަދަ ހަމަލާއެއްގައި 24 މީހަކު ވަނީ މަރުވެފައެވެ.
އެގައުމުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނީ އެ ހަމަލާ ދީފައިވަނީ ބަލޮޗިސްތާނުގެ ހުޅަނގު ދެނުނުން ދަތުރު ކުރަމުން ދިޔަ ރޭލަކަށް އަމާޒުކޮށް ކަމަށެވެ. އެގޮތުން ގޮވާތަކެތި ހަރުކޮށްފައިވާ ކާރެއް ބާރު ސްޕީޑުގައި އައި ރޭލުގައި ޖައްސާފައިވަނީ ގުއެޓާގެ ޗަމަން ޕަޓަކް ސިގްނަލް ހުރަސްކޮށްދަނިކޮށެވެ. އެ ގޮވުމުގެ ބާރުގަދަ ކަމުން ރޭލުގެ 2 ބައެއް ފުރޮޅި އަލިފާންވެސް ރޯވި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހަމަލާގެ ޒިންމާ ބަލޮޗިސްތާން ލިބެރޭޓް އާމީ (ބީއެލްއޭ) އިން ވަނީ އުފުލައިފައެވެ.
މިދިޔަ ފެބްރުއަރީ މަހުވެސް މިފަދަ ހަމަލާއެއް ވަނީ ދީފައެވެ. މި ހަމަލާ ޕާކިސްތާނުގެ ބައްކަރް ޑިސްޓްރިކްޓުގެ ޗެކްޕޯސްޓެއް ކައިރިއަށް ދިންއިރު، މި ހަމަލާގައި ދެ ފުލުހަކު ވަނީ މަރުވެފައެވެ.
މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ކުރިއަށް ދިޔަ ކައިވެނި ހަފްލާއެއްގެ ތެރޭގައިވެސއް ޖާނުން ފިދާވުމުގެ އިތުރު ހަމަލާއެއް ދީފައިވެއެވެ. އެ ހަތް މީހަކު ވަނީ މަރުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު