އިންޑިއާގައި ބާއްވާ މެޑިކަލް އެންޓްރެންސް އިމްތިހާން ނުވަތަ “ނީޓް-ޔޫޖީ” ގެ ކަރުދާސްތައް ލީކުވި މައްސަލައިގައި އިންޑިއާގެ ތައުލީމީ ވަޒީރުގެ އިސްތިއުފާއަށް ކުރަޕި ޕާޓީއިން ގޮވާލި ގޮވާލުމަށް އިޖާބަދިނުމަށް މާދަމާއާއި ހަމައަށް މުހުލަތެއް ދިނުމަށް އެ ގައުމުގެ ސަރުކާރުން އެދިއްޖެއެވެ.
ނީޓް ކަރުދާސް ލީކުވި މައްސަލައިގައި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދަރިވަރުން ދަނީ މުޒާހަރާ ކުރަމުންނެވެ. ދިއްލީގެ ޖަންތަރު މަންތަރުގައި ކުރިއަށްދާ މި މުޒާހަރާތަކުގައި ދަރިވަރުން ދަނީ ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. މި މުޒާހަރާތަކުގެ ތެރެއިން ފުލުހުންނާއި އާންމުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި، ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރި މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންގްޗުކްގެ ހާލަތު ގޯސްވުމާ ގުޅިގެން އޭނާ އަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލައިގައި މުޒާހަރާގެ ބައިވެރިން ދަނީ އެ ގައުމުގެ ތައުލީމީ ވަޒީރު އިސްތިއުފާދިނުމަށެވެ. އެ ބައިވެރިންގެ އެ ގޮވާލުމަށް އިޖާބަދިނުމަށް މަދަމާއާއި ހަމައަށް މުހްލަތެއް ދިނުމަށް އިންޑިއާގެ ސަރުކާރުން ވަނީ އެދިފައެވެ.
ސަރުކާރުގެ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، އިމްތިހާނުތަކުގައި މަކަރު ހެދުމާއި ކަރުދާސް ލީކުކުރުން ހުއްޓުވުމަށްޓަކައި މިހާރު ހުރި ގާނޫނުތައް އިތުރަށް ހަރުކަށި ކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި ކުށްވެރިވާ ފަރާތްތަކަށް ދެވޭ ޖަލު އަދަބާއި ޖޫރިމަނާ ބޮޑުކުރުމާއި، މިފަދަ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ފާސްޓް-ޓްރެކް ކޯޓުތަކެއް އުފެއްދުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު