ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއަށް މިދިޔަ ބުދަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 2295 އަށް އަރައިފިއެވެ.
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އައިސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ 7.2 މެގްނިޓިއުޑްގެ ބިންހެލުމަކާއި 7.5 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުންތަކުގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބައެއް އިމާރާތްތައް ވަނީ ބިމާހަމަވެފައެވެ.
ސުންނާފަތިވެފައިވާ އިމާރާތްތައް ދަށުވެފައިވާ މީހުން ސަލާމަތް ކުރުމަށް އެކި ގައުމުތަކުގެ ތަޖުރިބާކާރުންގެ ޓީމުތަކާއެކު މަސައްކަތް ކުރަމުންދެއެވެ. އެ ހާދިސާއަށް ހަ ދުވަސްވެފައިވާއިރު ދިރިހުއްޓާ ދެން މީހަކު ފެނިދާނެ ކަމުގެ އުންމީދު ކުޑަކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ ބުނެފައެވެ.
އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2295 އަށް އަރާފައެވެ. އަދި 11،000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވާއިރު، 13،000 އެއްހާ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.
އދ. އިން އަންދާޒާ ކުރާ ގޮތުގައި ބިންހެލުންތަކުގައި 50،000 އެއްހާ މީހުން އަދިވެސް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަނީ ބިންހެލުމަށްފަހު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ދީފައެވެ. އެ ޖަމްއިއްޔާގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމަޔާ ވިދާޅުވީ ވެކްސިން ޖެހުމުގެ ނިސްބަތް ކުރިންވެސް ދަށްކޮށް އޮތުމުގެ ސަބަބުން، ހިމަބިއްސާއި ޑިފްތީރިއާ ފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު