ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ރޭ އާންމުކުރި ބަޔާނެއްގައި، މި މައްސަލައާ ގުޅުންހުރި މީހާ ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ. އޭޓީއެމެއްގެ ކައިރީގައި ހަރަކާތްތެރިވާ ތަން ފެންނަ މި ވީޑިއޯއިން ފެންނަނީ ޒުވާން އުމުރުގެ ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި، މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމަށް އާންމުންގެ އެއްބާރުލުން ބޭނުންވެއެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ވަނީ މީގެ ކުރިންވެސް ކުށްވެރިން ހޯދުމުގައި އާންމުން ދެއްވާ އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރަށް 2,259 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ.
ސްކޭމް މައްސަލަތަކާ ގުޅިގެން މިހާތަނަށް 3,852 އެކައުންޓެއް ފްރީޒްކޮށް، ގެއްލުނު ފައިސާގެ ތެރެއިން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ (37 އިންސައްތަ) ވަނީ އަނބުރާ ހޯދައިދީފައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ސްކޭމް ނެޓްވޯކްތައް ހުއްޓުވުމަށް “އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް” ފަދަ އޮޕަރޭޝަންތައް ބޭރުގެ އިދާރާތަކާ ގުޅިގެން ދަނީ ހިންގަމުންނެވެ.
ފުލުހުން ބުނާ ގޮތުގައި ސްކޭމް މައްސަލަތައް ތަހުގީގުކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މައްސަލަ ރިޕޯޓުކުރުން ލަސްވުމެވެ. އެހެންކަމުން، ޝައްކުކުރެވޭ ފަދަ އެއްވެސް މުއާމަލާތެއް ހިނގައިފިނަމަ، ލަސްނުކޮށް އެންޓި ސްކޭމް ސެންޓަރަށް އެންގުމަކީ ފައިސާ ހޯދުމަށާއި ކުށްވެރިން ހޯދުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.


ކިޔުންތެރިންގެ ހިޔާލު