އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޢަބްދުالله ޞާދިޤު (ސޯބެ) މެންބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞާދިގުގެ މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ހުވާކުރެއްވުމަށްފަހު ޞާދިގު ވަނީ އިގުރާރުގައި ސޮއިކުރައްވާފައެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ ކުރިން އެދާއިރާ ތަމްސީލް ކުރެއްވި އަޙްމަދު ސިނާންގެ މައްޗަށް ދަރަންޏެއް ސާބިތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ނިންމެވުމާ ގުޅިގެންނެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ޖުލައި މަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ސިނާންއާއި އިތުރު ދެ ފަރާތެއްގެ މައްޗަށް ލޯނެއް ނުދައްކާ ކަމުގެ ދަޢުވާ ކުރިއެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 14 އޮކްޓޯބަރު 2024 ގައި ނިންމީ ސިނާނާއި އިތުރު ފަރާތަކުން 2.5 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 150000 ޔޫއެސް ޑޮލަރު) ހަ މަސް ތެރޭ ދެއްކުމަށެވެ.
އެ ފައިސާ އެގޮތަށް ނުދެއްކުމުން ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ހ)(1) ގެ ދަށުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައްޔިތަކު ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން 12 އެޕްރީލް 2026 ގައި އިއްތިފާޤުން ނިންމެވީ ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ޞާދިޤަކީ އައްޑޫ ސިޓީގެ މޭޔަރުކަން ޖެހިޖެހިގެން ތިން ދައުރު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ހިތަދޫ ބައި އިލެކްޝަންގައި ޞާދިޤާ ވާދަކުރެއްވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް އަޙްމަދު ސަޢީދު (ސޮޑާ) އެވެ.
ޞާދިޤުގެ ކާމިޔާބީއާ އެކު މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ ޢަދަދު 12 އިން 13 އަށް އިތުރުވެ ޕީއެންސީގެ ގޮނޑީގެ ޢަދަދު 75 އިން 74 އަށް ވަނީ ދަށްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު