ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭ ޕޭޕަލްގެ ޚިދުމަތް މިއަދު ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.
ބާސެލޮސް ނަސަންދުރާގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި, ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފުކޮށްފައިވަނީ އުރީދޫއާއެކު އޮތް ޕާޓްނާޝިޕެއްގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވީ، އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ދެވެން ފެށުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިއީ ވިޔަފާރިތަކަށް ހިތްވަރުދީ ވަރުގަދަ ރާއްޖެއެއް ބިނާކުރަން އެޅުނު މުހިންމު ބިންގަލެއް ކަމަށް، ސީއީއޯ ވިދާޅުވިއެވެ.
އުރީދޫން ކުރިން ބުނި ގޮތުގައި، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކައުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވާނެކަން އުރީދޫން ފާހަގަކުރިއެވެ.
ކުރިއަށް ހުރި ވަގުތުތަކުގެ ތެރޭގައި މި ޚިދުމަތް ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު އުރީދޫން ފޯރުކޮށްދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު