ނިމިދިޔަ ސަރުކާރުން ނަގާފައިވާ ސުކޫކު އަނބުރާ ދެއްކުމުން، ރާއްޖޭގެ ދަރަނީގެ ހާލަތަށް ލިބިފައިވާ ލުޔަށް ބަލައި، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައި އޮތް ރޭޓިން އެއް ދަރަޖަ މަތިކޮށްފިއެވެ.
ފިޗުން މިއަދު ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ‘ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން’ ‘ސީސީ’ އިން ‘ސީސީސީ-‘ އަށް ބަދަލުކޮށްފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖޭގެ ރޭޓިން ‘ސީސީ’ ގައި ހުރި ނަމަވެސް، މި ބަދަލު ގެނައުމަށް ނިންމީ މިދިޔަ އޭޕްރިލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ކާމިޔާބުކަމާ އެކު ދެއްކުމާ ގުޅިގެންނެވެ. ފިޗުން ފާހަގަކުރި ގޮތުގައި، މި ދަރަނި ދައްކައި ނިންމުމުން ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، “މި ރޭޓިން އަކީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް” ކަމަށެވެ.
ރޭޓިން މަތިކުރި ނަމަވެސް، ރާއްޖެއަށް ކުރިމަތިވެފައިވާ ފިސްކަލް ގޮންޖެހުންތައް އަދިވެސް ބޮޑުކަން ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓޫރިޒަމް އާމްދަނީއަށް ހީނަރުކަން އައުމާއި، ރާއްޖޭގެ ގްރޮސް ރިޒާވްގައި އެންމެ މަހެއްގެ އިމްޕޯޓަށް ދައްކަންޖެހޭ ފައިސާވެސް ނެތް ކަމަށް އެ އެޖެންސީން ލަފާކުރެއެވެ.
މީގެ އިތުރުން، ކަރަންޓު އެކައުންޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން މިދިޔަ އަހަރު ހުރި 8.4 ޕަސެންޓުން މި އަހަރު 17.5 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ބާޒާރުގައި ދިވެހި ރުފިޔާ އިތުރުވުމުގެ ސަބަބުން ޑޮލަރުގެ ތާށިކަން އިތުރަށް ގޯސްވެ، އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ސަރުކާރަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށްވެސް ފިޗުން ބުނެއެވެ.
ފިޗްގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ފިސްކަލް ޑެފިސިޓް މި އަހަރުގެ ތެރޭގައި 14.6 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. މިއީ ސަރުކާރުން މި އަހަރަށް ކަނޑައެޅި 7.1 ޕަސެންޓުގެ އަމާޒަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުވި ނަމަވެސް، މާލީ އިސްލާހީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭކަން އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު