އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ހާއްސަ ސިޔާސަތުގެ ދަށުން، މާލޭ ހެންވޭރުގައި ހުންނަ “ދަމަނަވެށި” ވަގުތީ ގޮތުން ބަންދުކޮށް، އެތަނުން ދެމުން އައި ހިދުމަތްތައް މާފަންނު އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރަށް މިއަދު ބަދަލުކޮށްފިއެވެ.
ދަމަނަވެށި އިމާރާތް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ، މާލެ ސަރަހައްދުގައި ޖީޕީ (ޖެނެރަލް ޕްރެކްޓިޝަނަރ) އަދި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން، އެ އިމާރާތް އެ ފެންވަރަށް ތަރައްގީކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.
ޚިދުމަތްތައް ހޯދޭނެ ބަދަލު ސަރަހައްދުތައް
ދަމަނަވެށި އިމާރާތް ބަންދުކޮށްފައި ހުރި ނަމަވެސް، އާންމުންނަށް ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ އިންތިޒާމުތައް ސަރުކާރުން ވަނީ ތިރީގައިވާ ތަންތަނުން ހަމަޖައްސާފައެވެ:
- މާފަންނު އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރު (ދަމަނަވެށީގެ މައިގަނޑު ހިދުމަތްތައް މިހާރު ލިބޭނެ މަރުކަޒު).
- ހުޅުމާލޭ ޕަބްލިކް ހެލްތް ޔުނިޓް.
- މާލެ ސަރަހައްދުގައި އަލަށް ހުޅުވި ޖީޕީ ކްލިނިކް.
އައު ސެންޓަރާއެކު ލިބޭނެ ކުރިއެރުންތައް
ދަމަނަވެށި އިމާރާތް އެއްކޮށް އަޕްގްރޭޑް ކުރެވި، ޒަމާނީ “އާބަން ހެލްތް ސެންޓަރެއް” ގެ ގޮތުގައި އަލުން ހުޅުވުމުން އާންމު ސިއްހަތަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން އަލަށް ތައާރަފްވާ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
- އާންމު ބަލިތަކުގެ ޑޮކްޓަރުން (ޖީޕީ) ގެ ހިދުމަތް ފުޅާދާއިރާއެއްގައި ލިބުން.
- އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި، ސެންޓަރުގެ ތެރެއިން ހާއްސަ (ސްޕެޝަލިސްޓް) ޑޮކްޓަރުންނަށް ދެއްކުމާއި އެފަރާތްތަކުގެ ލަފާ ހޯދޭނެ އެންމެ ފަހުގެ ނިޒާމު ގާއިމުވުން.
- އާންމު ސިއްހަތު ކުރިއެރުވުމަށާއި، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ހިންގާ އެކި ޕްރޮގްރާމްތައް އެ މަރުކަޒުގައި ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުން.
ސަރުކާރުގެ މައިގަނޑު އަމާޒަކީ މިފަދަ ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުތަކުގެ އެހީގައި، ބޮޑެތި ހޮސްޕިޓަލްތަކަށް ބާރުބޮޑުނުވެ، ކޮންމެ އަވަށަކުންވެސް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު އަސާސީ ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު