Advertisement

މަޖިލީހުގެ އާ ނާއިބު ރައީސް އިންތިހާބު ކުރުމުގެ ޖަލްސާ މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ ނާއިބު ރައީސަކު މަޖިލީހަށް އިންތިހާބު ކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް މިއަދު އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް އޭނާގެ ޕާޓީ ޕީއެންސީން މަޖިލީހަށް ހުށަހެޅި މައްސަލަ، މިއަދުގެ ޖަލްސާގައި ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

Advertisement

ނާއިބު ރައީސް ކަމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ ނެރުއްވި ނޫސް ބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައި ވަނީ މަޖިލިސް ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އޭނާގެ މައްޗަށް ޕީއެންސީން ކުރި ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ނާއިބު ރައީސް، ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުން އެކަންޏެވެ.

އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް ކަމުން ނާޒިމް ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތީން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ނިމުނީ ކަމަށް މަޖިިލިސް ރައީސް ވިދާޅުވިއެވެ.

އެއަށްފަހު ވިދާޅުވީ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު 1:00 ގައި ބާއްވާނެކަމަށެވެ. އެކަން އިއުލާން ކުރެއްވުމަށްފަހު މިއަދުގެ ހެނދުނުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.

އެ ޖަލްސާއަކީ މަޖިލީހަށް އާ ނާއިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވަން ހަމަޖެއްސި ޖަލްސާއެކެވެ. ނަމަވެސް މިއަދު 1:00 ގައި ބާއްވަން އޮތް މަޖިލިސް ޖަލްސާ ނޯންނާނެކަން މަޖިލީހުގެ އިދާރާއިން ވަނީ މެންބަރުންނަށް އަންގައިފައެވެ.

އެއާއެކު މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަލްސާއަކީ އާ ނާއިބު ރައީސަކު މަޖިލީހަށް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް