ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ވެރިކަން ކުރާ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، ނާޒިމް އެ ތުހުމަތުތައް ދޮގުކުރައްވައި އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 59 މެންބަރުން ހާޒިރުވެ ތިއްބެވި ކަމަށެވެ.
އެއަށް ފަހު މިއަދުގެ ޖަލްސާގެ އެޖެންޑާ އިއުލާން ކުރައްވަމުން އެންމެ ފުރަތަމަ ކަމަކަށް ރިޔާސަތުން މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން އާއްމު ކޮމިޓީއަށް އައި ބަދަލުގެ ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްގެ ބަދަލުގައި އެ ކޮމިޓީއަށް އެމްޑީޕީގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ހަމަޖެއްސެވިކަން އިއުލާން ކުރެއްވިއެވެ.
އެއަށްފަހު ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް ކަމުން ނާޒިމް ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތީން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ނިމުނީ ކަމަށް މަޖިިލިސް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ވިދާޅުވީ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު 1:00 ގައި ބާއްވާނެކަމަށެވެ. އެކަން އިއުލާން ކުރެއްވުމަށްފަހު މިއަދުގެ ހެނދުނުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައެވެ.
ނާޒިމް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ 73 މެންބަރުން ސޮޔާއެކު މި މެއި މަހުގެ 14 ވަނަ ދުވަހުއެވެ.
ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެއެވެ. މަޖިލީހުގެ ގަވައިދުގައި ބުނަނީ އެ 14 ދުވަހުގެ ނޯޓިސް ހަމަވުމުން، ދެން އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި އެ މައްސަލައާ ބެހޭގޮތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވާނެ ކަމަށެވެ.
ނާޒިމްގެ އިތުބާރު ނެތް ކަމަށް ޕީއެންސީން މަޖިލީހަށް ފޮނުވި ގަރާރުގައި، ނާޒިމް ވަކިކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވުމެވެ.
ނާޒިމުގެ އިތުބާރު ނެތް ކަމަށް އެ ގަރާރުގައި ހިމަނާފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، ޒިންމާއިން ބަރީއަވުމާއި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުން ދިއުމާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުން ހިމެނެއެވެ.
ގަރާރުގައި އިތުރަށް ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާ ކަމަށާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ނާޒިމް އިހުމާލުވެފައިވާ ކަމަށެވެ.
ގަރާރުގައި ވަނީ ނާޒިމް އެގޮތަށް އަމަލުކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ނާއިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށެވެ.
ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދާން ހަމަޖައްސާފައި އޮތީ، މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފައި އޮތް ގޮތަށް، އެ މައްސަލައަށް މެންބަރުން ވާހަކަ ދެއްކުމުގެކުރިން، ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނިޓްގެ ފުރުސަތެއް ދިނުމަށް ކަނޑައަޅައި، މައްސަަލަޔާ ބެހޭގޮތުން ވާހަކަ ދެއްކެވުމަށް ކޮންމެ މެންބަރަތަށް ތިން މިނިޓްގެ އެއްފުރުސަތު ދީގެން ޖުމްލަ އެއްގަޑިއިރަށެވެ.
ނަމަވެސް އެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ނާޒިމް މިއަދު މަޖިލީހަށް ވަޑައެއްނުގަންނަވައެވެ.
ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ، މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މެންބަރުކަމުން ނާޒިމް ވަކިކުރިއެވެ. އަދި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ، ވަޓްސްއެޕް ގުރޫޕުން ވެސް ބޭރުކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު