“ވޯލްޑް ޓްރެވަލް އެވޯޑްސް” (ޑަބްލިޔުޓީއޭ) މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައި، އެ ހަފުލާގެ ރަސްމީ މަންޒިލަކަށް ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މިއީ ގާތްގަނޑަކަށް ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު، މި އެވޯޑް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މިއަހަރުގެ ސެޕްޓެމްބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަފުލާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާވެސް ދިމާވާ ގޮތަށް ބާއްވާ ހަރަކާތެކެވެ. މިފަހަރުގެ އެވޯޑް ހަފުލާގައި އިންޑިއާ ކަނޑުގެ އިތުރުން އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ވަނަތައްވެސް ހޮވުމަށް ވަނީ ތާވަލުކޮށްފައެވެ.
ކްރޮސްރޯޑްސް މޯލްޑިވްސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ން ފުރައިގެން ލޯންޗެއްގައި 15 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ، ރާއްޖޭގެ ފާހަގަކޮށްލެވޭ އިންޓަގްރޭޓެޑް މަންޒިލެކެވެ. އެތަނުގައި ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސްއޯ މޯލްޑިވްސް ހިމެނޭހެން ތަފާތު ތިން ރިސޯޓަކާއި، ދުނިޔޭގެ ފެންވަރުގެ ކާބޯތަކެއްޗާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ލިބެން ހުރެއެވެ.
ޑަބްލިޔުޓީއޭގެ ފައުންޑާ ގްރަހަމް ކޫކް ވިދާޅުވީ، ކްރޮސްރޯޑްސް އަކީ ދަތުރުފަތުރުގެ ދާއިރާގެ ކުރިމަގު ދައްކުވައިދޭ، އާ އުފެއްދުންތެރިކަމުން ފުރިގެންވާ މަންޒިލެއް ކަމަށެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިއުރީ ވިދާޅުވީ، އެ އެވޯޑް ހަފުލާގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖެއިން ފަތުރުވެރިންނަށް އަދާކުރާ މެހެމާންދާރީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދުނިޔޭގެ ލީޑަރުންނަށް ދައްކާލުމަށް މަގުފަހިވާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ލަގަބު މިހާރުވެސް ދަމަހައްޓަމުން އަންނަ ރާއްޖޭގައި އެފަދަ ހަފުލާއެއް ބޭއްވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ހޯދަމުންދާ ބޮޑު ކުރިއެރުމެއްކަމަށް ކްރޮސްރޯޑްސްގެ ޖެނެރަލް މެނޭޖާ އެލެކްސެންޑާ ޓްރެގާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު